ރިޕޯޓް
ބައްޕައަކާއި ނުލައި އަހަރެން ބަލާބޮޑުކުރި މައިކަމަނާގެ ހިތްވަރުގަދަކަމާއެވެ!

ގިނަ މީހުންނަށް ހީވެފައި އޮންނަ ހަގީގަތަކީ ދަރިޔަކު އެކަނި ބެލުމަކީ މުޖުތަމަޢު އެހާ ބަލައިގަންނަ ކަމެއް ނޫންކަމެވެ. ނުވަތަ މައިބަފައި ލޯބި ފުރިހަމަ ނުވާ އެ ދަރިއަކީ ނިކަމެތި ދަރިއެއްކަމުގައެވެ. އެހެނަސް ބައްޕަައަކާ ނުލައި ދަރިޔަކު ބެލުމަކީ ހާދަ ބޮޑު ގުރުބާނީއެކެވެ.

އަހަރެންގެ މަންމަ ނުވަ މަސްދުވަހު ބަނޑުގައި އެތައް ވޭނެއް ތަކްލީފްކުރިއެވެ. ހަމައެކަނި ބަނޑުގައި ވޭން އެޅި ތަކްލީފެއް ނޫނެވެ. ވިހެއުމުގައިވެސް އަމިއްލަ ހަށިގަނޑު ގުރުބާން ކުރީއެވެ. އެވަރުން ނުވެގެން ގާތުންކިރުދީ ބަލައިބޮޑުކުރުމުގެ ވޭންވެސް އުފުލިއެވެ. ދަރިއަކަށްޓަކައި އެ އުފުލީ ވިދިވިދިގެން 3 ވޭނެކެވެ. ހަމަ ދުވަސްކޮޅަކަށް އަހަރެންގެ ހަޔާތުން މެހުމާންދާރީ އަދާކުރި ފިރިހެނެކާއި ނުލައެވެ. އޭނާގެ އެހީތެރިކަމެއް ނެތިއެވެ. ލޯތްބާއި އަޅާލުމެއް ނެތިއެވެ.

ކޮންމެ ދުވަހަކު އަހަރެން ބަނޑުފުރައި މުއްތިކުރުމަށްޓަކައި އަހަރެން ލާހައި ހޮޑަކާއި ނަޖިހުން ތަތްތެޅިގެން ބަދިގޭގައި ހޭދަކުރި ދުވަސްތައް ހަނދާންވެއެވެ. ލައިގެން ކާނެ އެއްޗެއް ހޯދުމަށްޓަކައި އަވަށްޓެރިންގެ ގެއަށްގޮސް ކާތަކެތި ހޯދި ހަނދާންވެއެވެ. ހުން އައިސް ރަޖާލައިގެން އޮންނަ ހިނދު ކިތަންމެ ވިއްސާރަ ވިޔަސް ލައިގެން ހުރި އަންނައުނު ތެމި ފޯކޮށްގެން ބޭސްހޯދައިގެން ބޭސްދިން ހަނދާންވެއެވެ.

އާމްދަނީ ހޯދުމަށްޓަކައި ކިތަންމެ ބުރަވިޔަސް ކެތްތެރިކަމާއިއެކު މަސައްކަތްކުރިއެވެ. ރީތި ފޭރާން ހޯދައިދިނެވެ. މީރުތަކެތި ކައްކާފައި ކާންދެނީ އެމަންމައެވެ. ސްކޫލަށް ބޭނުންވާތަކެތި ގަނެދެނީ އެ މަންމައެވެ. ހިތުގެ އުފެދޭ އުދާސްތަކާއި ވޭންތައް ފޮރުވަމުންނެވެ. މަންމަގެ ހަށިގަނޑަށް ބެލުމެއް ނެތިއެވެ. ސްކޫލަށްދާއިރު އެހެންކުދިންގެ ބައްޕަ ދެކެމެވެ. އެހެނެއްކަމަކު އަހަރެންގެ މަންމަގެ އަތުގައި ހިފައިގެން ދަނީ އެއީ ބައްޕަކަމުގައިވެސް ދެކިގެންނެވެ.

މަންމަގެ ހަޔާތަށް އެތައް ފިރިހެނަކު އައެވެ. އެހެނަސް މަންމަ އިޙްތިޔާރުކުރީ ދަރިފުޅުގެ މުސްތަގްބަލެވެ. އުފަން ބައްޕަގެ އޯގާވެރިކަމެއް ނުލިބުނުތާ ނުވަސް ދަންނަ ފިރިހެނެއްގެ އޯގާވެރި ކަމެއް ލިބޭނެކަމާއިމެދު މަންމަ ޝައްކު ކުރާތިއެވެ. އެގޮތަށް އެކަން ވާނެކަމަށް މަންމަ ގަބޫލުނުކުރާތީއެވެ.

އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ކިޔަވައިދެވޭ އެންމެ މަތީ ފެންވަރަށް ގެންގޮސްދިނީވެސް އެ މަންމަގެ ބުރަ މަސައްކަތުން ހޯދި ލާރިންނެވެ. ފިރިހެނެއްގެ ލޭ އަހަރެންގެ ގައިގައި ހިގި ކަމުގައިވިޔަސް ހާލުބަލައި ހަދަނީ މަދުފަހަރަކުއެވެ. ބައްޕަ އަބަދު ގާތުގައި ވުމަށް ކިތަންމެ ހާވެސް ބޭނުމެވެ. ބައްޕަގެ ލޯތްބާއި ޙަރަދު ކިތަންމެހާވެސް ބޭނުމެވެ. އެއީ މަންމަ ކިތަންމެ ނަފްރަތު ކުރާމީހެއް ކަމުގައި ވިޔަސް ފަހަރުގައި އޭނާގެ ލޭ އަހަރެންގެ ގައިގައި ހިނގާހާ ހިނދަކު ވާކަމެއްކަމުގައިވެސް ވެދާނެއެވެ.

އެހެނަސް ބައްޕަ އަކާއި ނުލައި ބަލާބޮޑުކުރުން ވާނީ ހާދަހާ ބޮޑު ގުރުބާނިއަކަށެވެ. ހިތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އެފަދަ އެހެން ހުރިހާ މައިންނަށް الله ކެތްތެރިކަން ދެއްވާށި.

Comment