އާނާ އެބުރި ބަލާލިއިރު ގޭގެ ދޮރުމަތީ ދީމް ހުއްޓެވެ.
ދީމްއަކީ ރާއްޖެތެރޭ ރަށެއްގެ ކުއްޖެކެވެ. ވީޑިއޯ ކޯލްއިން ދީމްގެ މައިންބަފައިންނަށް ސާރާ ތައާރަފްކޮށްދިނެވެ. ހަމައެގޮތަށް އާނާ އަކީ ސާރާގެ އެންމެ ގާތްއެކުވެރިޔާ ގޮތުގައި ތައާރަފްކޮށްދިނެވެ. ދީމްގެ މައިންބަފައިން ސާރާއާ އިންނަން ގަބޫލެވެ. އެހެންކަމުން ދީމްހުރީ ސާރާއާ އިންނަން އަޒުމްކަޑައަޅައިގެންނެވެ.
އެހެންނަމަވެސް ފަހަކަށް އައިސް ސާރާގެ ކަންތައް ހުންނަ ގޮތުން ދީމް ސާރާ މަތިން ފޫހިވެއްޖެއެވެ. ފަހަކަށް އައިސް އެގެޔަށް ދިޔަޔަސް ސާރާ އާ އެއްވެސް ގޮތަކަށް ވާހަކަ ނުދައްކައެވެ. ދީމް އާއި އާނާ މަޖާކޮށް ވާހަކަ ދައްކާ ހަދާއިރު ސާރާ ހުންނަނީ ދުރުގައި ކަޅިއަޅައިގެންނެވެ.
އާދައިގެ މަތިން ދުވަހެކެވެ. ސާރާ އިނީ ޓީވީ ބަލާށެވެ. އެހެން އިންދާ ދީމް އައިސް އާނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އާނާ ބޭރަށް ނުކުތުމުން ދީމް ބުނީ އޭނަ ބަޑުހައިވެފަ ހުރި ކަމަށާއި އޭނައަށް ކާ އެތިކޮޅެއް ދިނުމަށެވެ.
“އަހަރެން ކާން ހަދަންތަ؟” ސާރާ ސޯފާއިން ތެދުވަމުން އަހާލިއެވެ.
“އާނާ. ރެޑީވެލަންވީ ނުން ބޭރަށް ދާން. އާނާގެ ފޭވްރިޓް ރެސްޓޯރެންޓަށް ދާނީ ދޯ!” ދީމް އާނާ ކައިރީ މިހެން ބުނުމުން ސާރާ ވަރަށް ދެރަވިއެވެ.
“ދީމް! އަހަންނަކީ ދީމްގެ ގާލް ފްރެންޑް. އަހަރެން ގޮވައިގެން ދޯ ބޭރަށް ދާން ވާނީ. ދީމް ކީއްވެ އަހަންނަށް ތިހެން ތިހަދަނީ!” އާނާ ކޮޓަރިއަށް ވަނުމުން ސާރާ ގޮސް ދީމްގެ އަތުގައި ހިފަމުން ވާހަކަދެއްކިއެވެ.
“ގާލްފްރެންޑޭ!. ނުދެނަހުރިން. އަހަންނަށް އެގޭ ގޮތުގައި ސާރާ އާއި އަހަރެންގެ ގުޅުން މިހާރަކު ނޯވޭ. އާނާ އަކީ އަހަރެންގެ ބެސްޓްފްރެންޑް. ސޯ އައި ކޭން ޓޭކް ހާ ފޯ ލަންޗް.” ދީމް މިހެން ބުނެ ބޭރަށް ނުކުތުމުން ސާރާއަށް ރޮވުނެވެ.
އާނާ ރީތިވެލައިގެން ނުކުމެ ސައިކަލަށް އަރަން އުޅުނުތަނުން ފޯނެއް އައެވެ. އެކޮޅުން ވާހަކަ ދެއްކީ ކާކުކަމެއް ދީމްއަކަށް ނޭގެއެވެ. އާނާ ރޯން ފެށުމުން ދީމް ސުވާލުކުރިއެވެ.
“އާނާ! ކިހިނެއްވީ؟”
“ހިނގާބަ އޭޑީކޭއަށް. އަވަސް” އާނާ އަށް އަދިވެސް ރޮވެނީއެވެ. ދީމް މިސްރާބް ޖަހާލީ ހޮސްޕިޓަލާ ދިމާލަށެވެ.
އާނާ ދިޔައީ އަވަސް ފަރުވާ ދޭ ކޮޓަރިއާ ދިމާލަށެވެ. އާނާގެ ފަހަތުން ދީމްވެސް ދިޔައެވެ.
“ނަބީލް!” އާނާ ދިޔަ ގޮތަށް ގޮސް ނަބީލްގެ ގައިގައި ބައްދައިގަތެވެ. މިމަންޒަރު ބަލަން ދީމްއަށް ކެތެއް ނުވިއެވެ. އަވަހަށް ބޭރަށް ދިޔައީއެވެ.
“ކިހިނެއްވީ ކުއްލިއަކަށް؟” އާނާ އަހާލިއެވެ. ނަބީލްއަށްވެސް ރޮވެނީއެވެ.
“އާނާ. ދީމާ!……” ނަބީލް ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.
“ދީމާ އަހަރެމެންނާ ވަކިވެއްޖެ!” ނަބީލް އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އާނާއަށްވެސް ރޮވެނީއެވެ. އާނާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ނަބީލް ރޮމުން ގެންދިޔައެވެ.
“ކުއްލިއަކަށް ކިހިނެއްވީ؟” އާނާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
“ދީމާ ބަލިވެ އުޅޭތާ ހަފްތާއެއް ވެއްޖެ. ރޭގަ ކުއްލިއަކަށް ފިޓް ޖެހުނީ. އެރަށު ހޮސްޕިޓަލުން ބުނީ އިމަޖެންސީކޮށް މާލެ ގެންދަން. މިކޮޅަށް އައި މަގުމަތީގައި ދީމާ….!”
ދީމާ ވަކިވެގެން ދިޔުން ނަބީލްއަށް ވެގެން ދިޔައީ ފުން ހިތާމަޔަކަށެވެ. ނަބީލް ހުރީ އާނާގެ އެޕާޓްމެންޓުގައެވެ. އާނާ ދެކެ ރުޅިއައިސްގެން ސާރާ އެގެއިންވެސް ނުކުމެގެން ދިޔައީއެވެ. ނަބީލް އެގޭގައި އުޅޭތީ ދީމް އެގެޔަށް އަންނަނީ ވަރަށް މަދުންނެވެ.
ނަބީލްގެ ހިތުގައި އަދިވެސް އާނާއަށް ލޯބި ވާ ކަން އާނާ އަށް އިހުސާސް ކުރެވެން ފެށިއެވެ. އެހެންނަމަވެސް ނޭގޭ ކަމަށް ހަދާފައި އުޅެނީއެވެ. ނަބީލް މާލެއިން ވަޒީފާއެއް ހޯދައިގެން އެހެން އެޕާޓްމެންޓެއް ހިފިއެވެ. އަދި ދީމާގެ މަންމަޔާއި ނަބީލްގެ ދަރިފުޅު މާލެ ބަދަލުކޮށްލިއެވެ. ދީމާގެ ދަރިފުޅު ބަލަނީ ދީމާގެ މަންމައެވެ.
ނަބީލް ދިޔަފަހުން އާނާ މުޅިން އެކަނިވެއްޖެއެވެ. ނަބީލް ގުޅަނީ ވަރަށް މަދުންނެވެ. އެކަމާ ކަންބޮޑުވެގެން އާނާ ނަބީލްއަށް ގުޅާލިއެވެ.
“ނަބީލް ކޮންތާކު؟” އާނާ ސުވާލުކޮށްލިއެވެ.
“އަހަރެން މިއިނީ ކޮފީއެއް ބޯން ގޭގެ ބެލްކަނީގައި. ކިހިނެއްވީ؟” ނަބީލް މިހެން ބުނުމުން އާނާ ފޯނު ކަނޑާލިއެވެ.
ނަބީލް ގުޅުމުން އާނާ ފޯނުވެސް ނުނަގައެވެ. އިރުކޮޅަކުން ގޭގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ނަބީލް ގޮސް ދޮރު ހުޅުވާލިއިރު އެއީ އާނާއެވެ.
“އާނާ!” ނަބީލް ހުރީ އާނާ ފެނުމުން ހައިރާންވެފައެވެ. އެހެންޏާ އާނާ އަކީ އެގެޔަށް އަންނަ މީހެއް ނޫނެވެ.
“ނުހައިކް!” އާނާ ގޮސް ނުހައިކް އުގަށް ލައިގެން ސޯފާގައި އިށީނެވެ. އާނާ ނުހައިކު އާއި އެކު ސަކަރާތް ޖަހާ މަންޒަރު ބަލަން ދުރުގައި ދީމާގެ މަންމަ ހުއްޓެވެ.
ކުއްލިއަކަށް ނުހައިކް ކުޅެން އިނދެފައި މަންމީ އޭ ކިޔާ ރޮއިގެންފަ އާނާގެ ގައިގައި ބައްދައިގަތެވެ. ނަބީލް ގޮސް ނުހައިކް ނަގަން އުޅުމުން އާނާގެ ގައިގައި ބާރަށް ހިފެހެއްޓިއެވެ. އާނާ ނުހައިކު އުރައިގެން ބެލްކަންޏަށް ނުކުތެވެ.
“ދަރިފުޅާ ނަބީލް. ނުހައިކު އެއުޅެނީ އޭނަގެ މަންމަ މަތިން ހަދާންވާތީ. ދާންވީ ނުން އޭނަ ގޮވައިގެން ބޭރަށް. މިކޮޅަށް އައި ފަހުން އަދި އެސޮރު ބޭރަށް ނުނެރެން.”
މަންމަ މިހެން ބުނުމުން ނަބީލް އާނާ އާއި ނުހައިކް ގޮވައިގެން ބޭރަށް ދިޔައެވެ.
“އާނާ! އަހަންނާ އިންނަންވީނު!” ނަބީލް މިހެން ބުނުމުން އާނާ ބޯން އިން ޖޫސްތަށިވެސް އަތުން ނުވެއްޓުނީ ކިރިޔާއެވެ. ގެ ކައިރީ ހުރި ކުޑަ ރެސްޓޯރެންޓެއްގައި އިނދެ ނަބީލް މިހެން ބުނެލީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އާނާއަށް އިދެވުނީ ނަބީލްއާ ދިމާލަށް ބަލަހައްޓައިގެންނެވެ.
“ކޮބާ ޖަވާބަކީ؟” ނަބީލް އަނެއްކާވެސް އަހާލިއެވެ.
“ތީ ކޮންކަހަލަ ސުވާލެއް؟”
“އަހަރެން ބުނީ އަހަންނާ އިންނަން ވީ ނޫންހޭ. އަހަރެން އާނާ ދެކެ ލޯބިވާކަން ޚުދު އާނާއަށްވެސް އެގޭނެ. އަނެއްކޮޅުން ދީމާ ނެތީމަ ނުހައިކުވެސް ވަރަށް އެކަނިވެފަ ހުންނަނީ. އޭނަ އާނާ އާ ވަރަށް ގުޅޭ. ސޯ. ލެޓްސް ގެޓް މެރީޑް.” ނަބީލްގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އާނާއަކަށް ނުވިސްނުނެވެ.
“އަހަރެން ވިސްނާފަ ޖަވާބެއް ދޭނަން.” މިހެން ބުނެ އާނާ ނުކުމެގެން ދިޔައީ ހިތްހަމަ ނުޖެހިފައެވެ.
ނަބީލް ވަރަށް ދެރަވިއެވެ. އާނާ ދެކެ ލޯބިވާކަން ހާމަކުރާ ކޮންމެ ފަހަރަކު ނަބީލްގެ ލޯތްބަށް އާނާ ފުރަގަސްދޭތީ އެކަމާ ނަބީލް ވަރަށް ދެރަވެއެވެ. އެހެންކަމުން ދެން ދުވަހަކުވެސް އާނާ ދެކެ ލޯބިވާކަން ހާމަނުކުރަން އަޒުމު ކަނޑައެޅިއެވެ. އެހެންނަމަވެސް އާނާގެ ޖަވާބަކަށް ނަބީލް އިންތިޒާރުކުރާން ނިންމިއެވެ.
ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް އާނާ ނަބީލްއަށް ގުޅާވެސް ނުލައެވެ. ނަބީލްވެސް އާނާއަށް ނުގުޅައެވެ. ނަބީލް ނިންމީ ފަސް ދުވަހަށް ބަލާފައި ދިރިއުޅުމުގައި ކުރިޔަށް ދާށެވެ.
ހަތަރު ހަފްތާ ފަހުން އާނާއާއި ނަބީލް ދިމާވީ ފިހާރައެއްގެ ތެރެއިންނެވެ.
“ނަބީލް” އާނާ ގޮވާލިއެވެ.
“އަހަ! އާނާ. ކޮންވަނޑާމެއް ؟” ނަބީލް އަހާލިއެވެ.
“އަހަރެން އެއްޗެއް ގަންނަން ވެގެން އައިސް މިއުޅެނީ އެކަމަކު ކަމުދާ އެއްޗަކާ ދިމާނުވަނީ އަދި ހަމަ.”
“ކޯޗެއް ތި ހޯދަނީ؟” ނަބީލް އެހެން ބުނުމުން އާނާ ނަބީލްގެ އަތުގައި ހިފައިގެން އަތްދަބަސް ހުރި ދިމާލަށް ޖެހިލިއެވެ.
“ދަބަހެއް މިހޯދަނީ.”
“މިދަބަސް އާނާ އާ ވަރަށް ގުޅޭ.” އެތަނުން ރީތި ދަބަހެއް ނަގާ އާނާއަތަށް ދިއްކޮށްލަމުން ނަބީލް ބުނެލިއެވެ.
“އަހަރެން ދަނީ! އޮފީހުގަ އިނދެފަ މިނުކުތީ. ރައްޓެއްސަކާ އެކީ މިފިހާރަށް މިވަނީ. ދަނީ ދެން.” މިހެން ބުނެ ނަބީލް ނުކުމެގެން ދިޔައީއެވެ. އާނާ ހުރީ ހައިރާންވެފައެވެ. ޖަވާބުގެ ވާހަކަ ނަބީލް ނުދެއްކުމުން އެކަމާ ދެރަވެފައެވެ.
އާނާ ބޭނުންވީ އާނާގެ ޖަވާބު ނަބީލް ކައިރީ ބުނާށެވެ.
އާނާ ފިހާރައިން ނުކުމެގެން ތަންކޮޅަކަށް ދެވުނުތަނާހެން ވަރަށް ގިނަ މީހުން ޖަމާވެގެން ތިއްބާ ފެނިގެން ގޮސް ބަލާލިއެވެ. އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން އެގުނީ އެމްބިއުލާންސް އެތަނަށް އައުމުންނެވެ. އާނާ އެތަނުން ދާން ހިނގައިގަތްތަނުން އެމްބިއުލާންސަށް އެރުވި މީހާގެ މޫނު ފެނިގެން ރޮވުނެވެ.
“ނަބީލް!” އާނާ ދުވަމުން ގޮސް އެމްބިއުލާންސް ކައިރިޔަށް ދިޔައެވެ.
” ނަބީލް. ނަބީލް. ލޯހުޅުވަބަ. ނަބީލް.” އާނާ ހުއްޓާނުލާ ރޮމުން ދިޔައެވެ. ނަބީލް ލޯހުޅުވާލާފައި އާނާގެ އަތުގައި ހިފާލިއެވެ. އެމްބިއުލާންސް ދުއްވަމުން ދިޔައީ ބާރު ސްޕީޑެއްގައެވެ.
“އާ..ނާ. ލަވް…ޔޫ” ނަބީލްގެ ދުލުން ނުކުތް އެންމެ ފަހު ބަސް ވެގެން ދިޔައީ އާނާއަށް ކެތްނުކުރެވޭ ބޮޑު ހިތާމަޔަކަށެވެ. ހޮސްޕިޓަލާ ހަމަޔަށް ނުދެވެނީސް ނަބީލް މަރުވީއެވެ.
ކަށުކަމާކެމީގެ ކަންތައް ނިމިގެން ދިޔައިރުވެސް އާނާ ހުއްޓާނުލާ ރޮނީއެވެ. މިވަގުތު އާނާޔާ އެންމެ ގާތުގައި ހުރީ ދީމްއެވެ. ދީމް އާނާއަށް ހިތްވަރު ދެމުން ދިޔައެވެ.
“ދީމް. ކިއްވެ ނަބީލް އަހަރެން ދޫކޮށްލާފަ އެދިޔައީ. އަހަރެން ހުރީ މިއަދު ނަބީލްއަށް ޖަވާބެއް ދޭން. ނަބީލް ކައިރީ ބުނަން އަހަރެންވެސް ނަބީލް ދެކެ ލޯބިވާކަން.” އާނާ މިހެން ބުނުމުން ދީމްގެ ހިތަށް ތަދުވިއެވެ.
ނަބީލް ވަޅުލުމަށްފަހު އެންމެން ދިޔައިރުވެސް އާނާ ހުރީ ސަހަރާގެ ދޮރާށި ކައިރީގައި އަރާހާ އަވީގައި ނަބީލްގެ މަހާނަޔަށް ބަލަހައްޓައިގެންނެވެ. އާނާ އަދިވެސް ހުއްޓާނުލާ ރޮނީއެވެ.
“ނަބީލް! އައި ލަވްޔޫ. ސޮރީ. ނަބީލްގެ ލޯބި މިއަދު އަހަންނަށް ނުލިބުނީ އަހަރެންގެ ކުށުން. މިއަދު އަހަރެން ނަބީލް ދެކެ ލޯބިވެވުނުއިރު ވަގުތު ފާއިތުވެއްޖެ. އަހަންނަށް މާފްކުރޭ ނަބީލް.” އާނާ ރޮމުން ގެންދިޔަ އިރު ދީމް ހުރީ އާނާގެ އަތުގައި ހިފަހައްޓައިގެންނެވެ.
“އާނާ. ދެން ހިނގާ ދާން.” ދީމް އާނާ ގޮވައިގެން ދާން ހިގައިގަތުމުން އާނާ ފަސްއެބުރި ނަބީލްގެ މަހާނަޔަށް ބަލާލިއެވެ. އާނާ ދުވެފައި ގޮސް އަނެއްކާވެސް ސަހަރާގެ ދޮރާށި ކައިރީ ހުއްޓުނެވެ.
“އަހަރެން މިދުނިޔޭގައި ނެތަސް ނުހައިކުއަށް ބަލާތި. އަބަދުވެސް އުފަލުގައި އުޅޭތި. ލަވް ޔޫ ޓޫ ދެދުނިޔޭންވެސް.” މަހާނަ ކައިރީ ނަބީލް ހުއްޓާ އާނާއަށް ފެނުނެވެ. ހިނިތުންވެފައި އާނާއާއި ނަބީލް ވާހަކަ ދެއްކިއެވެ.
“އާނާ. ކިހިނެއްވީ. ދެން ހިނގާ ދާން.” ދީމް އަނެއްކާވެސް އާނާގެ އަތުގައި ހިފައި ދާން ހިނގައިގަތެވެ.
“ދީމް ނަބީލް.” އާނާ ދެވަނަ ފަހަރަށް ބަލާލިއިރު ނަބީލްއެއް ނެތެވެ. ކުޑަ ވަގުތު ކޮޅަކަށް ހިނިތުންވި ނަމަވެސް އަނެއްކާވެސް އާނާއަށް ރޮވުނެވެ. އަދި ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނޭ ފަދަ ލޯތްބަކާއި އެކު އާނާ ރޮމުން ދިޔައީ ކުރެވުނު ކުށަށް ނަބީލް ކައިރިން މާފަށް އެދެމުންނެވެ.
(ނިމުނީ)