11 މަހުގެ ދިވެހި ތުއްތު ކުއްޖަކަށް ކެންސަރު ބަލި ޖެހި ރާއްޖެއިން ބޭރުގައި ފަރުވާދެމުންދާ ކަމަށް އާއިލާގެ ފަރާތުން ބުނެފިއެވެ.
ތުއްތު ކުއްޖާގެ މަންމަ މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެދެމަފިރިންގެ 11 މަހުގެ ތުއްތު ދަރިފުޅު ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ދާ ކަމަށާއި، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ބެންކޮކްގެ ވަޖީރާ ހޮސްޕިޓަލުގައި ދަރިފުޅަށް ގެންދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ކަމަށެވެ.
ކުއްޖާގެ މަންމަ ބުނީ، 10 މަސްދުވަސް ވަންދެން އިންޑިއާގައި ތިބުމަށްފަހު ބަލި ޔަގީން ކުރުމަށް ބެންކޮކް އަށް ދިއުމުން ކުއްޖާ ވަނީ، ކެންސަރު ބަލީގެ ބާވަތެއް ކަމަށްވާ “އެކުއިޓް މައިލޮއިޑް ލުކީމިއާ” ވިތް ސައިކްލިކް ޕެޓާން ނިއުޓްރޯފީނިއާ ކަމަށާއި ހަލުވި ކަމާއި އެކީ ބަލި ކުއްޖާގެ ހަށިގަނޑުގައި ފެތުރެމުން އަންނަ ކަމަށެވެ. ކުރިން ހެދި 3 ޓެސްޓުތަކުން ދެއްކީ ތިން ވައްތަރު ކެންސަރު ހުރި ކަމަށްވެސް ކުއްޖާގެ މަންމަ ބުންޏެވެ.
އަދި ކުއްޖާގެ ހާލަތު ރަނގަޅުވިހާ އަވަހަށް ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް އިންޑިއާއަށް ފުރާނެ ކަމަށް ވެސް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ.
ތުއްތު އެ ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް އެދި ހުވަދޫ ނިއުސް ޓީމްގެ ފަރާތުން ދުއާ ކުރަމެވެ.