އައި.ޖީ.އެމް.އެޗްގެ މައިދޮރާށި ކައިރީގައި ބަހައްޓާފައި ހުރި ފަންޑު ފޮށްޓެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގައި ބަހައްޓާފައި ހުރި ފަންޑު ފޮށި ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓެއް އިއްޔެ ހެދުނު 11 ޖަހާކަންހާ އިރު ލިބިފައިވާ ކަމަށާއި މިމައްސަލަ ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުގައި ފަންޑުފޮށި ވަނީ ފާޚާނަ ތެރެއިން ފެނިފައެވެ. ނަމަވެސް އޭގައި ހުރި ފައިސާ ވަނީ ވަގަށް ނަގާފައެވެ. ހޮސްޕިޓަލުގެ ބޭސް އަޅާ ކޮޓަރީގެ ކައިރީގައި ހުރި އާންމުންގެ ފާޚާނާޔަކުން ފަންޑު ފޮށި ފެނިފައިވާއިރު އެހިސާބަށް ފަންޑު ފޮށި ދިޔަ ގޮތާބެހޭގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފަންޑު ފޮށްޓެއް ވަގަށް ނެގުމާއި ގުޅިގެން އާންމުންދަނީ ފުލުހުންނާމެދު ނުރުހުން ފާޅުކުރަމުންނެވެ.