އެވިޑް ކޮލެޖްގެ ޖެނުއަރީ އިންޓޭކް ކޯސްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެކޮލެޖްގެ ޓީމެއް މަޑަވެލި ހޯޑެއްދޫގައި ހަރަކާތެއް ހިންގައިފިއެވެ.
އަންނަ އަހަރު ޖެނުއަރީގައި އެވިޑް ކޮލެޖްގައި ހިންގާނެ ކޯސްތަކުގެ މައުލޫމާތު ފޯރުކޮށްދީ ޖެނުއަރީ އިންޓޭކް ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެފުރުސަތު ހޯދައިދިނުމުގައި އެޓީމުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މަޑަވެލި ހޯޑެއްދޫގައި ހިންގި މިހަރަކާތުގެ ތެރެއިން އެވިޑް ކޮލެޖްގެ ޓީމުން ވަނީ ރަށުތެރޭގައި ހަރަކާތްތެރިވެ ގިނަ ބަޔަކަށް ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައެެވެ. އަދި އެވިޑް ކޮލެޖުން މަތީ ތައުލީމް ހާސިލް ކުރުމުގައި ހުރި ގިނަ ފުރުސަތުތަކުގެ އިތުރުން އެވިޑް ކޮލެޖްގެ ކިޔެވުން ކުރިޔަށް ދާ ގޮތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވުނެވެ.
މީގެއިތުރުން އެކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވަގުތުން ފޯމް ފުރުމުގެ ކަންތައްވެސް ކުރިޔަށް ގެންދެވުނެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޓީމުން ބުނެފައިވަނީ މިހަރަކާތުގައި ރަށުގެ ރަައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށާއި މިއީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ.
އެވިޑް ކޮލެޖަކީ ތިނަދޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ކޯސްތަކާއި ތަމްރީނުތައް ހިންގާ ޕްރައިވެޓް ކޮލެޖެކެވެ.