ގދ.ގައްދޫ އިން ޑިންގީއެއްގައި ނުކުތް ބަޔަކު ގެއްލިގެން އެމްއެންޑީއެފް އިން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ޑިންގި ދަތުރު ކޮށްފައިވަނީ ގދ.މާވަރުލުއާއި ގދ.ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް ކަމަށެވެ. އަދި ޑިންގިން ދަތުރު ކުރީ ދެމީހަކު ކަމަށެވެ.
ގެއްލިގެން ހޯދަމުންދަނީ ގދ.ގައްދޫ، ޗިޗަންޑާގެ އުމުރުން 79 އަހަރުގެ އަބްދުލް ރަހީމް އާއި އެރަށު ޗަނބޭލީގޭ, އުމުރުން 70 އަހަރުގެ ހަސަން މަޖްދީ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އެމީހުން ފަޅުރަށަށް ޑިންގީގައި ގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހުން ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިރޭ 22:03 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ހުވަދޫ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލުން ވިދާޅުވީ ގެއްލިގެން ހޯދާ ދެމީހުންނަކީވެސް އާދަކާދައިގެ މަތިން ފަޅު ރަށްތަކަށް ކާށި ހޮވުމަށާއި، ދަރު ހޮވުމަށް ދަތުރު ކުރާ ބައެއް ކަމަށެވެ. މިވަގުތު ކައުންސިލާއި، ގައްދޫ ޕޮލިސް ގެ އިތުރުން ސިފައިން ދަނީ ފަޅުރަށްތަކަށް އަރާ އެ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ގައްދޫ ކައުންސިލުން މައުލޫމާތު ދެއެވެ.
އެގޮތުން އެމީހުން ދަތުރު ކުރި ކަމަށް ބުނާ ފަޅުރަށަށް ދިޔައިރު އެރަށުގައި އެމީހުން ނެތުމުން މިހާރު އެރަށް ކައިރީގައި ތިބި އެހެން ފަޅު ރަށް ތައް ބަލަމުން ދާކަމަށް ވެސް ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލުން ވިދާޅުވިއެވެ.