ނެޓްފްލިކްސްއިން ދައްކާ މަޤްބޫލް ޝޯއެއް ކަމަށްވާ “ސްކުއިޑް ގޭމް” ބެލި ދަރިވަރަކު މަރަން ހުކުމްކޮށް އެވީޑިޔޯ ގަތް ދަރިވަރުން އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
ނޯތްކޮރެޔާގެ ރިޕޯޓްތަކުގައި ބުނާ ގޮތުން އެޤައުމުގެ ދަރިވަރަކު ވަނީ “ސްކުއިޑް ގޭމް” ބެލުމަށްފަހު އެ ވީޑިޔޯ ޕެންޑްރައިވަކަށް އަޅާ ސްކޫލްގެ ގިނަ ދަރިވަރުންނަށް އެވީޑިޔޯ ވިއްކާފައެވެ.
ރިޕޯޓްތަކުގައި ބުނާގޮތުން އެދަރިވަރު ޗައިނާއަށް ކުރި ދަތުރަށްފަހު އެނބުރި އައީ އެޝޯގެ ވޯޑިޔޯތައް ހިފައިގެންނެވެ. ނޯތު ކޮރެއާގެ ސައިވެލެންސް ސާވިސް “109 ސަންގްމު”އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބެލި ބެލުމުން އެގޭ ގޮތުގައި އެކުއްޖާ ވަނީ ގިނަ ކުދިންނަށް މިވީޑިޔޯ ވިއްކާފައިވާކަމެވެ.
އެހެން ޤައުމުތަކުގެ ލަވަތަކާއި، ފިލްމުތައް އަދި ސީރީޒްތައް ގެންގުޅުމަކީ ނޯތުކޮރެޔާގައި މަނާކޮށްފައިވާ ހަރުކަށި އަދަބު ލިބޭ ކުށެކެވެ. އެހެންކަމުން އެވީޑިޔޯ ވިއްކި ކުއްޖާގެ އިތުރުން އެވީޑިޔޯ ގަތް ކުދިންނަށް ވަނީ ހަރުކަށި އަދަބުތަކެއް ދީފައެވެ.
އެގޮތުން އެވީޑިޔޯ ބެލުމަށްފަހު ވިއްކި ކުއްޖާ ގަޔަށް ބަޑިޖަހާ މަރަން ހުކުމް ކޮށްފައިވާއިރު ވީޑިއޯ ގަތް ދަރިވަރުން އުމުރަށް ޖަލަށް ލުމަށް އަދި އެ ޝޯ ބެލި އިތުރު ފަސް ކުއްޖަކަށް ފަސް އަހަރަށް ބުރަ މަސައްކަތް ޖެއްސުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން، އެ މައްސަލައިގައި އެ ސްކޫލުގެ އިސް ވެރިޔާއާއި ޓީޗަރުންނާއި އިދާރީ މުވައްޒަފުންވެސް ޒިންމާ ނަގަން ޖެހެއެވެ. އަދި އެމީހުންގެ ވަޒީފާތަކުން ވަކިކޮށްފައިވާ އިރު، އެމީހުންނަށްވެސް އަދަބު އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.