ގދ.ގައްދޫއިން ގެއްލިގެން ހޯދި ދެމީހުން ފެނިއްޖެ ކަމަށް އެމް.އެން.ޑީއެފުން ވިދާޅުވެއްޖެއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވި ގޮތުގައި އެދެމީހުން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ 20:30 އެހާކަންހާއިރު ކަމަށާއި އެދެމީހުން ރޭ ދަންވަރު ފެނިފައިވާ ކަމަށެވެ. އަދި އެދެމީހުން ފެނިފައިވަނީ ގދ.ހުޅުމާވަރުލުގައި މަޑުކޮށްގެން ތިއްބާ ކަމަށާއި އެދެމީހުންގެ ހާލު ރަނގަޅު ކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތު ދިނެވެ.
މީގެއިތުރުން އެދެމީހުން ދަތުރުކޮށްފައިވަނީ ޑިންގީއެއްގައި ނޫން ކަމަށާއި އެއީ ބައްތެއްޔެއް ކަމުން ދިޔަވަރު ހިކުމުގެ ސަބަބުން އެމީހުންނަށް ދަތުރު ނުކުރެވި އެރަށުގައި މަޑުކުރަން ޖެހުނީ ކަމަށް އެދެމީހުންނާ ހަވާލާދީ އެމް.އެން.ޑީ.އެފުން ވަނީ ވިދާޅުވެފައެވެ.
ގައްދޫ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މިދެމީހުންނަކީ ފަޅު ރަށްތަކުން ކާށި އަދި ދަރުފަދަ ތަކެތި ހޯދަން އާދަވެގެން ދަތުރުކޮށް އުޅޭ ދެމީހުންނެވެ.