ގއ.އަތޮޅު ރައީސް ފުޓްސަލް މުބާރާތުގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުވަދޫ ނިއުސްއަށް މައުލޫމާތުދިން ގޮތުގައި މިއީ ޒަމާނުއްސުރެ ގއ އަތޮޅުގައި ބާއްވަމުން އައި މުބާރާތެއް ކަމަށާއި މިމުބާރާތު ކާމިޔާބު ކުރާ ޓީމަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މިފަހަރު މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ، މިމުބާރާތް އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ރަށެއްގައި ކަމަށް ކައުންސިލުން މައުލޫމާތުދިނެވެ.
“އަތޮޅުވެރިޔާ ކަޕް” ގެ ނަމުގައި ހުވަދު އަތޮޅުގައި ކުރިޔަށް ގެންދަމުން އަންނަ މިމުބާރާތުގެ ނަން މިހާރު މިވަނީ “އެޓޯލް ޕްރެޒިޑެންޓްސް ކަޕް”ގެ ނަމަށް ބަދަލުކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު ބައްދަލުވުމެއްގައި ނިންމާފައިވަނީ މިމުބާރާތް ނުބާއްވާތާ ގިނަ ދުވަސް ވުމާއި ގުޅިގެން އަގުބޮޑު އިނާމަކާއެކު މިމުބާރާތް ބޭއްވުމަށެވެ.
މިއީ މިހާތަށް އައިއިރު ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމެއް ލިބިގެންދާނެ އެއް މުބާރާތެވެ.