އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކު 15 އަންހެންކުދިންނަށް ބިރު ދައްކައި އެކުދިން ރޭޕްކުރި ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އާންމުންގެ ބަޔަކު ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން މިކުއްޖާ ވަނީ އަންހެންކުދިންގެ ބަރަހަނާ ފޮޓޯތައް ހޯދައި އެކުދިން (ބްލެކްމެއިލްކޮށް) ބިރުދައްކައިގެން އެކުދިން ރޭޕްކޮށްފައެވެ. އެގޮތުން 15 އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ ކަމަށާއި އެކުދިންގެ ތެރޭގައި އޭނަގެ އާއިލާ ކުދިންވެސް ހިމެނޭކަމަށް އެޕޯސްޓުގައި ބުނެފައިވެއެވެ.
މިމައްސަލައިގައި ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިޔާގައި ދައުރުވި މިޕޯސްޓް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.
މިމައްސަލައިގަ ރޭޕްގެ ތުހުމަތު ކުރަނީ ސީއެޗްއެސްސީގެ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓްތަކުގައި އެ ދަރިވަރު ވަނީ އޭނާގެ އަމިއްލަ ކޮއްކޮއާއި 15 އަށްވުރެ ގިނަ ކުދިން ރޭޕްކުރި ކަމަށް ބުނެފައެވެ. އަދި ގިނަ ކުދިންތަކެއްގެ ބަރަހަނާ ފޮޓޯ ގެންގުޅޭ ކަމަށްވެސް އެއްބަސްވެފައިވެއެވެ.
އެކަމާ ގުޅިގެން ސީއެޗްއެސްސީ ޓެގްކޮށް، ޓްވިޓާގައި މީހަކު ކުރި ޕޯސްޓަކަށް އެ ސްކޫލުން ބުނާގޮތުގައި ދަރިވަރުންގެ ރައްކާތެރިކަމަށް އުނިކަމެއް އަންނަ ފަދަ ކަމެއް ހިނގައިގެން ރިޕޯޓްކޮށްފި ނަމަ، ނުވަތަ އެފަދަ ކަމެއް ސަމާލުކަމަށް އަތުވެއްޖެ ނަމަ ވާނީ ފިޔަވަޅު އަޅާ ކަމަށެވެ. އެފަދަ ކަމެއް ސްކޫލުން ބޭރުގައި ވެސް ހިނގާ ނަމަ ލަސްނުކޮށް ސްކޫލްގެ މެނޭޖްމަންޓަށް އެ މައުލޫމާތު ދޭން ބާރުއަޅާ ކަމަށް ވެސް ބުންޏެވެ.