އައްޑޫ ސިޓީގައި ކޮވިޑް-19ގެ ހާލަތު ދުވަހެއް ދުވަހެއް އިތުރުވަމުންދާތީ މިބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް އެއްގެއިން އަނެއް ގެޔަށް ދިޔުން ހުއްޓާލަން އަންގައިފިއެވެ.
އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އާންމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމާއި ސްކޫލު ކިޔެވުން ފިޔަވައި އެހެން ހުރިހާ ހަރަކާތެއް ހުއްޓާލުން އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުން ހިމެނޭކަމަށް މޭޔަރ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު މިހާތަނަށް ޖުމްލަ 2494 މީހުން ވަނީ ބަލިން ރަނގަޅުވެފައިވާއިރު 3 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2768 އަށް އަރާފައެވެ. އަދި 10 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.