ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކާ އެއްގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މިހާރު ނުކުރެވި އޮތް މަސައްކަތަކީ މިނީ ބަހުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރެއިން ހަމައެކަނި ނުވެ އޮތް މަސައްކަތަކީ ބަހުގެ ޚިދުމަތް ދިނުން ކަމަށާއި އެމަސައްކަތް ލަސްވެގެން ދަނީ ބަޖެޓް ހަމަނުޖެހިގެން ކަމަށެވެ.
މީގެ އިތުރުން މިމަސައްކަތަށް ބަޖެޓް ހޯދުމަށް ބޭރުގެ ޖަމިއްޔާތަކުން ހިލޭއެހީ ލިބޭތޯ ފޮރިން މިނިސްޓަރަށް ދަންނަވާފައި ވާނޭ ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.
2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 16.9 މިލިޔަން ރުފިޔާ ކަމަށް ވާތީ އެފައިސާއިން މިފަދަ ބޮޑު ޕްރޮޖެކްޓެއް ނުހިންގޭނެ ކަމަށާއި، މިނީ ބަހުގެ ޚިދުމަތް ތާރަފްކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިނިސްޓްރީން ކުރަމުން ގެންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.