އިސްލާމް ދީނާއި ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރާ ސޯޝަލް މީޑިޔާ ޕޭޖުތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.
ރާއްޖޭގައި އެހެން ދީންތަކަށް ތާއީދުކޮށް އިސްލާމް ދީނާއި ދެކޮޅަށް ވީޑީޔޯ ތަކާއި، އޯޑިޔޯ އަދި އެފަދަ ޕޯސްޓުތައް ކުރާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތައް ބްލޮކް ކުރަން ކްރިމިނަލް ކޯޓުން މިވަނީ ހުކުމްކޮށްފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެފަދަ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށްފައިވާ ކަމަށާއި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ނިންމީ ދިވެހިރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ މިހުކުމް ތަންފީޒު ކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސާރވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން އަންގާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ދިވެހި ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށްޓަކައި މިހާރަކަށް އައިސް ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ދިވެހި ބަހުން އަޑުއަޅާފައި ވީޑިޔޯތަކާއި ދިވެހި ބަހުން ތަރުޖަމާކޮށްފައި ހުންނަ އެހެން ދީންތަކުގެ ފޮތްތައް މީސްމީޑިޔާ މެދުވެރިކޮށް ދިވެހިންގެ ތެރެޔަށް ދަނީ ދޫކުރަމުންނެވެ.
ދާދި ފަހުން އައްޑޫ ސިޓީގެ ސްކޫލެއްގައި ކިޔަވައިދޭ އިންޑިޔާ ޓީޗަރަކު ވަނީ އިސްލާމް ދީނާއި ޚިލާފް ވާހަކަތަކެއް ދަރިވަރުންނަށް ކިޔައިދީފައެވެ. އަދި ކުޑަ އިރުއްސުރެ އެކުދިންގެ ބްރެއިންވޮޝް ކޮށްފައި ހުންނަ ކަމަށާއި ހެއްދެވި ފަރާތަކީ މާތްﷲ ކަމަށް ބުނެ އެކުދިން ޓެރަރިސްޓުންގެ ގޮތުގައި ތަރުބިއްޔަތު ކުރާ ކަމަށް އެޓީޗަރު ވަނީ ބުނެފައެވެ. ހެއްދެވި ފަރާތެއް ވޮޑިގެންވާ ނަމަ އޭގެ ހެކި ދެއްކެވުމަށް އެޓީޗަރު ވަނީ ދަރިވަރުންނާއި ސުވާލުކޮށްފައެވެ.