ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ “ދޮންގޮއްޔެ” ބްރޭންޑުގެ ކާބޯތަކެތި ވިއްކުން މަނާ ކޮށްފިއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއޮތޯރިޓީއަށް ލިބުނު ޝަކުވާއަކާއި ގުޅިގެން އިންސްޕެކްޓް ކުރިއިރު އެތަނުގެ ސާފްތާހިރުކަން ވަރަށް ދަށް ކަމަށެވެ. އަދި އެތަނުން ތައްޔާރުކުރާ ކާނާ ބޭނުންކުރުމުން ސިއްޚަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތުމާއި ގުޅިގެން އެއޮތޯރިޓީން ވަނީ އެތަނުގެ ހާލަތު އިސްލާހުނުކޮށް އެބްރޭންޑްގެ ތަކެތި ވިއްކުން މަނާކޮށްފައެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި އެ ބްރޭންޑްގެ ކާބޯތަކެތި ނުވިއްކުމަށް އެއޮތޯރިޓީން މިވަނީ އަންގާފައެވެ.
އެތަނުން ތައްޔާރުކޮށް ބަނދުކޮށްފައި ހުންނަ ކާބޯތަކެތީގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި މިހާތަނަށް ބާޒާރުގައި ހުރި ދޮންގޮއްޔެ ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ނުބެހެއްޓުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.