ޚަބަރު
ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވި ކަމާމެދު ޝައްކު އުފައްދައިފި

ސްޕްރީމްކޯޓުގައި މިވަގުތު ކުރިޔަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ހުކުމް އިއްވާ ޝަރީއަތުގައި ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާމެދު ޝައްކު އުފެދޭ ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވި ގޮތުގައި އަދީބްގެ އަތުގައި ހުރީ ޔާމީންގެ ފައިސާ ކަމަށް ޔާމީން ބުނުން ފިޔަވައި އެފައިސާ ލިބުނު ކަމުގެ ހެއްކެއް ނެތް ކަމަށާއި ނަމަވެސް އަހްލާމް ފުލުހުންނަށް ދިން ބަޔާނުން މިކަމަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބޭ ކަމަށެވެ.

އެންމެ ފަހުން މި މަހުގެ 18 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައިވެސް ފަނޑިޔާރުން ވަނީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާ ނުވަނީ ކީއްވެތޯ އަދި އެ ޗެކަކީ މިމައްސަލައިގައި ހިމެނޭ އެއްމިލިއަން ޑޮލަރުގެ ޗެކްތޯ ދައުލަތާ ސުވާލުކޮށްފައެވެ. ޖަވާބުގައި ދައުލަތުގެ ބުނީ ސުޕްރީމް ކޯޓުން ހިއްސާ ކޮށްފައިވާ ޗެކަކީ މިމައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރުގެ ޗެކް ކަމަށެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުއަށް ދައުވާކޮށްފައިވަނީ ޔާމީންއަށް ދައުވާ ކުރުމުގެ ކުރިން ކަމަށާއި ޒިޔާތުގެ މައްސަލައިގައި ހުރި މިމުއާމަލާތާއި ގުޅޭ ލިޔެކިޔުންތައް ޔާމީންގެ މައްސަލައިގައި ހުށަހަޅާފައިނުވާ ކަމަށެވެ.

އެހެންނަމަވެސް އަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވަނީ އެސްއޯއެފަށް ޖަމާވި ވޮޑަމުލާގެ ޗެކް ޝަރީއަތަށް ހުށަހަޅައިގެންކަން އެނގޭ ކަމަށް މަހާޒް ވިދާޅުވިއެވެ.

ޔާމީންގެ ފަރާތުން ހުށަހެޅުއްވި ގިނަ އިސްތިއުނާފީ ނުކުތާތަކުގައި ސުޕްރީމް ކޯޓުން ރައުޔު ނިންމީ ޔާމީނާ ދެކޮޅަށެވެ. ނަމަވެސް ޖޫރިމަނާ ކަނޑައެޅި ގޮތް ގޯސް ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.

ޔާމީންގެ މިނިވަންކުރުމާއިމެދު މިއަދުގެ ޝަރީއަތުން ހުކުމް އިއްވަން ހަމަޖެހިފައިވާއިރު ނޮވެމްބަރ 24 ވަނަ ދުވަހު މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީންގެ މައްޗަށް އުފުލައި، ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މިފަހަރު ޔާމީންގެ މައްޗަށް ދައުވާ ކުރީ ޔާމީނާއި ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމް، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ މަގާމުގެ ހައިސިއްޔަތުން ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. މި ޝަރީއަތުގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

Comment