ޚަބަރު
ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށްފަހު ޔާމީން މިނިވަން ކުރަން ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

މިއަދު ކުރިޔަށް ދިޔަ އަޑުއެހުމުގައި އެންމެ މުހިންމު ނުކުތާއަކަށް ނަގާފައިވަނީ ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ލިބުމާމެދު ޝައްކު އުފެދިފައިވާކަމެވެ. އެގޮތުން ޗެކް ނަންބަރު ދިމާނުވުމާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުއަށް ދައުވާކޮށްފައިވަނީ ޔާމީންއަށް ދައުވާ ކުރުމުގެ ކުރިން ކަމުގައިވީނަމަވެސް ޒިޔާތުގެ މައްސަލައިގައި ހުރި މިމުއާމަލާތާއި ގުޅޭ ލިޔެކިޔުންތައް ޔާމީންގެ މައްސަލައިގައި ހުށަހަޅާފައިނުވާކަން ފަނޑިޔާރުން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުން ޔާމީނަށް ކުރި ދައުވާގައި ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އެވެ. އެކަމަކު، އެކަން ދައުލަތަށް ސާބިތުކޮށް ނުދެވުނެވެ.

ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަށް އޭރު ގަބޫލު ކުރެވުނީ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ އެމަނިކުފާނަށް ސިޔާސީ މަސައްކަތަށް އެކި ފަރާތްތަކުން ދީފައިވާ ފައިސާ ހަވާލު ކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތުގައި އެދުމުން އަދީބު ޖަމާކުރެއްވި ފައިސާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ އެސްއޯއެފްއިންކަން އެނގިވަޑައިގަތީ މާ ފަހުން ކަމަށާއި އެސްއޯއެފްގައި އެމަނިކުފާނު ދަންނަ މީހަކު ވެސް ނޫޅޭނެ ކަމަށެވެ.

Comment