ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީންގެ އިނާޔަތްތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ.
ފަސްއަހަރުގެ ޖަލު ހުކުމުން ޔާމީން އިއްޔެ މިނިވަން ކުރެވުނުއިރު އެމަނިކުފާނަށް ސަރުކާރުން ދޭން ޖެހޭ އިނާޔަތްތައް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ބުނަމުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވިދާޅުވީ ޔާމީނަށް އެލަވަންސް ދިނުމަށް ބަޖެޓްގައި ފައިސާ ނުހިމެނިނަމަވެސް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓްގެ ތެރެއިން ވެސް އެފައިސާ ހަމަޖެއްސުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ފާއިތުވީ ނޮވެމްބަރ މަހު 24 ވަނަ ދުވަހު ރައްޔިތުންގެ މަޖުލީހުން އަންނަ އަހަރަށް ފާސްކޮށްފައިވަނީ 36.99 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން 36.92 ބިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމުން، މަޖުލީހުން ބަޖެޓް ފާސްކުރެވުނުއިރު އޭގެ ތެރެޔަށް އިތުރު 73 މިލިޔަން ވަނީ އިތުރުކޮށްފައެވެ.
މިބަޖެޓް ފާސްވެގެން ދިޔައިރު ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އޮތުމުން އެމަނިކުފާނުގެ އިނާޔަތްތައް ބަޖެޓުގައި ހިމަނާފައި ނުވާކަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ.
ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމް އިއްޔެ ސްޕްރީމް ކޯޓުންވަނީ ބާތިލްކޮށްފައެވެ. ޔާމީން މިނިވަން ކުރި ކަމުގައިވިޔަސް އެމަނިކުފާނު ރާއްޖެއިންބޭރަށް ނުފުރޭ ގޮތަށް ވަނީ އަމުރުނެރެފައެވެ.
މީގެ އިތުރުން ޔާމީންގެ ދެ މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއެވެ.