ޕީޕީއެމް/ޕީއެންސީގެ ލީޑަރ އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސެކިއުރިޓީ ސަރުކާރުން ހަމަޖައްސައިފިއެވެ.
އިއްޔެ ސްޕްރީމް ކޯޓުން ޔާމީން މިނިވަން ކުރުމުން އެމަނިކުފާނަށް ސެކިއުރިޓީ ދީފައިނުވާތީ އިދިކޮޅުންވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެހެންނަމަވެސް އިއްޔެގެ ވަގުތެއްގައި އެމް.އެން.ޑީ.އެފުން އެމަނިކުފާނަށް ސެކިއުރިޓީ ދީފައިވާ ކަމަށާއި ޔާމިންގެ ބޮޑީގާޑުންގެ ގޮތުގައި ދެމީހަކު އައްޔަންކޮށްފައި ކަމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން “ވަގުތު” މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ޔާމީންގެ ސެކިއުރިޓީގެ ކަންތައް ލަސްވެގެން ދިޔައީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެކަމަށް އެއްބަސްވެ ވަޑައިނުގަތުމުން ކަމަށް އާދަމް ޝަރީފް ވަނީ ތުހުމަތު ކުރައްވާފައެވެ.
“މާރިޔާއަކީ ވަރަށް ޒާތީ މީހެއް. އޭނާ އޯކެ ނުވެގެން ސެކިއުރިޓީ ހަމަޖެއްސުން ލަސްވީ” އާދަމް ޝަރީފް ވިދާޅުވިއެވެ.
މަނީ ލޯންޑާގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލު ހުކުމް އިއްޔެ ސްޕްރީމް ކޯޓުން ވަނީ ބާތިލުކޮށް އެމަނިކުފާނު މިނިވަން ކުރައްވާފައެވެ. އެހެންނަމަވެސް އެމަނިކުފާނަށް ސަރުކާރުން ދޭންޖެހޭ އިނާޔަތްތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
ސުޕްރީމް ކޯޓުން ޔާމިން މިނިވަން ކޮށްފައިވާ މައިގަނޑު ސަބަބަކީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާ މެދު ފާޅުކަން ބޮޑު ގޮތެއްގައި ސުވާލު އުފެދުމުންނެވެ.