ދެ އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަ ކުރެއްވުމަށްފަހު، އިއްޔެ ޖަލުން މިނިވަން ވެފައިވާ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ ފުރަތަމަ ޖަލްސާ ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ޕީޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއެވެ. ޝުޖާ ވިދާޅުވީ މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވާނެކަމަށެވެ. މީގެ އިތުރުން ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންވެސް ޖަލްސާގައި ބައިވެރިވެ ވާހަކަ ދައްކަވާނެކަމަށެވެ.
މިޖަލްސާގައި ވީހަވެސް ގިނަ ބަޔަކު ބައިވެރިވުމަށް އަޅުގަނޑުމެން އެދެން. މިއީ ރައީސް ޔާމީން އެތައް ދުވަހަކަށްފަހު އަޅުގަނޑުމެންނާއި ބައްދަލު ކުރައްވާރޭ. މިޖަލްސާއަކީ ވަރަށް ޚާއްސަ ޖަލްސާއެއް.
– ޝުޖާ ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އިވެންޓް ކޮމެޓީގެ ޗެއާ މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީނަށް މިސަރުކާރުން ކުރަމުންދާ އަނިޔާތަކުން މިންޖުވެ ހުކުރު ދުވަހުރޭ ބާއްވާ ޖަލްސާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ޚާއްސަ މެޖެސްތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު މިނިވަން ކުރެއްވުމުގައި މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މިޖަލްސާގައި މާލެ އާއި އަތޮޅު ތެރޭގެ ވީހާވެސް ގިނަ ރަށްތަކުން މީހުން ބައިވެރިވުމަށް ވަނީ އެދިފައެވެ. މިފަހުން ޕީޕީއެމްއިން ބާއްވާ ގިނަ ޖަލްސާތަކުގައި ގިނަ އަދަދެއްގެ މީހުން ދަނީ ބައިވެރިވަމުންނެވެ. ހުކުރު ދުވަހުގެރޭ ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވާތީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެކަމަށް ގަބޫލު ކުރެވެއެވެ.