ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ ވިއްކުމުގައި ހަރކާތްތެރިވާ ދެ ބިދޭސީއަކު ހޯދަން ފުލުހުން މިއަދު ވަނީ އިއުލާންކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިދެފަރާތަކީ ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމާއި، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދާ ދެފަރާތެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު އިގްބާލް ހޮސައިން (ޕާސްޕޯޓް ނަންބަރު EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު BC0463544) އެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމަށް ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކައި، ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ މީހުން ކަމަށެވެ.
އެދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން އެދެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކުރެއެވެ.
މިއީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން ކުރަމުންދާ މަސައްކަތްތަކެކެވެ. އެގޮތުން ހުސްވި ހަފުތާގެ ތެރޭގައި ވެސް ކަޅު ބާޒާރުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.