2021 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ގދ.ފަރެސްމާތޮޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްބޭނުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފަރެސްމާތޮޑާ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ “ހިތްވަރު މަސްރޭސް 2021” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 4 ޑިސެމްބަރ ވާ ހޮނިިހިރު ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން އެ ކައުންސިލް އިދާރާއަށް ފޯމު ހުށަހަޅުއްވަން އެދޭ ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ އިން މިހާރު ލިބެން ހުންނާނެ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
ފަރެސްމާތޮޑާ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ގުޅިގެން ބާއްވާ “ހިތްވަރު މަސްރޭސް 2021” ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރު 2021 ވާ ހުކުރު ދުވަހުއެވެ.
“ހިތްވަރު މަސްރޭސް 2021” ގެ މުބާރާތުން 1 ވަނަ އަށް ދާ ފަރާތަކަށް 3500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، ދެވަނަ އަށް ދާފަރާތަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ތިންވަނަ އަށް ފަރާތަކަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް ފަރެސްމާތޮޑާ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭގޮތަށް ވަނީ ހަމަޖެހިފައިއެވެ.
މި މުބާރާތާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ސާފު ކުރެއްވުމަށް ބޭނުންވާނަމަ 7340494 އަށް ނުވަތަ 9932783 އަށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުން އެދޭކަމަށް ފަރެސްމާތޮޑާ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
ގދ.ފަރެސްމާތޮޑާ އަކީ ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އަންނަ އަދި މިހާރުވެސް ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ މަސްވެރި ރަށެކެވެ. ރަށުގެ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް އޮންނަ ޝައުގުވެރިކަމާއި، ލޯބި ފާހަގަ ކޮށްލެވެއެވެ.