ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުންދޭ އިނާޔަތް ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހަށް ހުށަހެޅުނު މިޕެޓިޝަންގައި 7300އަށް ވުރެ ގިނަ ހާއްސައެހީއަށް ބޭނުންވާ މީހުން ވަނީ ސޮއިކޮށްފައެވެ.
މިޕެޓިޝަނުގައި ބުނެފައިވަނީ ސަރުކާރުން މިހާރު ދެމުންދާ ދެހާސް ރުފިޔާއިން ދިރިއުޅުމުގެ ކަންތައްތައް ދެކޮޅު ނުޖެހޭ ކަމަށާއި ހާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވި އިޤްތިޞާދީ ހާލަތާއިއެކު ތަކެތީގެ އަގު ފުލި، ކުރަންޖެހޭ ހޭދަ ބޮޑުވެފައިވާ ކަމަށެވެ.
މިޕެޓިޝަން އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ހާއްސައެހީއަށް ބޭނުންވާ ތިންފަރާތެއް ކަމަށްވާ ހއ.އިހަވަންދޫއަށް ނިސްބަތްވާ އަލީ ފަޔާޒާއި، މުހައްމަދު އިރުފާންގެ އިތުރުން އަލީ ޖުނައިދުއެވެ.
މުހައްމަދު އިރުފާނު ބުނާގޮތުގައި ސަރުކާރުން ކޮންމެ މަހަކު ދޭ ދެހާސް ރުފިޔާއިން ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ދިރިއުޅުމުގެ ކަންތައް ދެކޮޅުނުޖެހޭ ކަމަށާއި މީހުންނާއި އިދެގެން ދިރިއުޅުން ފަށައިގެން އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންވެސް އުޅޭ ކަމަށެވެ. އާމްދަނީ ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް އެމީހުންނާ ކުރިމަތިވާއިރު ސަރުކާރުން އެމީހުންނަށް ދޭ އިނާޔަތްތައް ބޮޑުކުރަން ފެންނަ ކަމަށް އިރުފާނު ވަނީ މީޑީޔާއަށް މައުލޫމާތުދީފައެވެ.
އެހެންކަމުން މިހާރު ދޭ އިނާޔަތް 5 ހާސް ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ 36،000އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅެއެވެ. އޭގެތެރޭގައި 12،844 އަންހެނުންނާއި، 9،243 ފިރިހެނުންނަކީ އަތޮޅުތެރޭ ރަށްތަކުގައި ދިރިއުޅޭ މީހުންނެވެ. މާލޭގައި ދިރިއުޅޭ ހާއްސައެހީއަށް ބޭނުންވާ މީހުންގެ އާބާދީއަކީ 14،238މީހުންނެވެ. އެއީ 9211 އަންހެނުންނާއި، 5028 މީހުންނެވެ.