ގދ.ތިނަދޫ ކައުންސިލްގެ 9ވަނަ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުންނަކީ ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله އާއި ގދ އަތޮޅު ކައުންސިލްގެ މެމްބަރުންނެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އެކި އުމުރުފުރާތަކަށް ބަހާލައިގެން 317 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލައި ހިތުން ކިޔެވުމުގެ ބައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޫލްތަކުގެ ދަރިވަރުންނާއި ވަކިވަކި ފަރުދުންގެ އިތުރުން އެހެނިހެން ރަށްރަށުންވެސް ކުދިން ވަނީ މިމުބާރާތުގައި ބައިވެރިވެފައެވެ.
މިއަދު ފެށިގެންދިޔަ މުބާރާތުގެ ޖަޖުންނަކީ ތަޖުރިބާކާރު ބޭފުޅުން ކަމުގައިވާ އަލީ ވަހީދު އާއި ހުސެއިން ރުޝްދީގެ އިތުރުން މޫސާ އަހުމަދު އެވެ.
ކައުންސިލްގެ 8 ވަނަ ޤުރުއާން މުބާރާތާ އަޅާ ބަލާއިރު މިއަހުގެ މުބާރާތުގައި ބައިވެރިން ގިނަކަން ވަނީ ފާހަގަކުރެވިފައެވެ. މިދިޔަ އަހަރު ބޭއްވި 8 ވަނަ ތިނަދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 238 ކުދިންނެވެ.