ފެންޑާ
ރަނގަޅު ލީޑަރޝިޕެއްގެ ސިފަތައް

ލީޑަރޝިޕެއްގައި އެކުލެވޭ ސިފަތަށް ނުވަތަ ލިޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ، ތަފާތު ޖަވާބުތައް ލިބިގެންދާނެއެވެ.

ލީޑަރުންނަކީ ވަރަށް ނުފޫޒު ގަދަ، ހުރިހާ މުވައްޒަފުން އެމީހަކު ދެކެ ޖެހިލުންވާ ބިރުގަންނަ، އަމުރުވެރި، ބުނަން ބޭނުން ކޮންމެ އެއްޗެއް ބުނަންކެރޭ ގަޓްހުންނަ މީހެއްގެ ގޮތުގައި އެއްބަޔަކު ލީޑަރުން ސިފަކުރެއެވެ. އަދި ބައެއް ލީޑަރުން ޤަބޫލުކުރާ ފަލްސަފާއަށް ބަލާއިރު، ލީޑަރަކު ލީޑަރަކަށް ވަނީ އެހެން މީހުންގެ މައްޗަށް އަމުރުވެރިކަން ދެއްކިގެންނެވެ. މިފަދަ ވެރިންގެ ސިޔާސަތަކީ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ ކުށް ހޯދައި، އެމީހުންނަށް މަސައްކަތް ނުކުރެވޭކަން ދެއްކުމެވެ. މިފަދަ ވެރިންގެ ވިސްނުމާ ދެކޮޅަށް އަނގަ ހުޅުވާ މީހަކު ސައިޒު ކުރަންޖެހެއެވެ. އެހެން ނޫނީ އެމީހަކީ ހުރި ނުރައްކަލެއްގެ ގޮތުގައި ދެކެއެވެ.

މިޒަމާނުގެ ލީޑަރުންގެ ކިބައިގައިވާ ފެންނަ އާންމު ސިފަތަކަށް ބަލާއިރު، މުވައްޒަފުން އޮބިއަޅުވައިގެން މަސައްކަތްކުރުވާ، އެހެން މީހުންގެ މަސައްކަތުގެ ކްރެޑިޓް އަމިއްލަޔަށް ނަގައި، ތިމާގެ މޮޅުކަން ދައްކަން މަސައްކަތްކުރުން ފާހަގަކުރެވެއެވެ. މިފަދަ ލީޑަރުންނަށް ހީވާގޮތުގައި ކޮންމެވެސްކަހަލަ މޮޅު ވާހަކައެއް ދައްކާލެވުމުން، ވެރިޔާގެ ޒިންމާ އަދާކުރެވުނީ އެވެ. މިފަދަ ވެރިންގެ މަޤާމުގެ މަސްއޫލިއްޔަތަށް ވެފައި އޮންނަނީ މީހުންނަށް ކަންދެއްކުމެވެ. ސޯޝަލް މީޑިޔާގައި ކޮންމެވެސް ސްޓޭޓަސްއެއް ނުވަތަ ފޮޓޯއެއް ލައިގެން، އެންމެ ގިނަ އިވެންޓް ބާއްވާ ނުވަތަ ސޯޝަލް މީޑިޔާގެ އެންމެގިނަ ސްޓޭޓަސް އަރުވާ އަދި ސޯޝަލް މީޑިއާގެ އެންމެ އެކްޓިވް މުއައްސަސާއަށް އެމުއައްސަސާ ހެދުމެވެ. ފޭސްބުކަށް ލާނެ ޚަބަރެއް ނެތްނަމަ، އެދުވަހެއްގައި އޮފީސް ހުޅިވި ވާހަކަވެސް، އަދި ސްޓާފް މީޓިންގ އެއް ބޭއްވިނަމަ އެވާހަކަވެސް ފޭސްބުކްގައި ފޮޓޯއާއި އެކު ޖަހައެވެ.

ގިނަ އާންމު ފަރުދުންގެވެސް ވިސްނުން ހުރީ މިފަދަ ގޮތަކަށެވެ. އާންމު ވިސްނުމަކުން ބަލާއިރު، ލީޑަރެކޭ ބުނުމުން އަހަރަމެންގެ ސިކުނޑިއަށް ޤަބޫލުކުރެވޭގޮތުގައި ލީޑަރުންނަކީ އިންތިޚާބެއްގައި ވާދަކޮށް އަހަރަމެންގެ ވޯޓުން އިންތިޚާބު ކާމިޔާބުކުރާ ފަރާތްތަކެވެ. އަދި ދަށުން މަސައްކަތް ކުރާ އެހެން ފަރާތްތަކަށް ތަފާތު ބައްދަލުވުންތައް ވިލަރެސްކޮށް، އަމުރުކޮށް ތަފާތު މަސައްކަތްތަށް ޙަވާލުކުރުމަކީ ލީޑަރޝިޕެވެ.

އަހަރަމެންނަށް ޤަބޫލުކުރެވޭ ގޮތުންވެސް، ގިނަ ޚަބަރު ފޭސްބުކްގައި ޖެހުމުން އެ މުއައްސަސާއެއްގެ ހިންގުންތެރިކަން މޮޅުވީއެވެ. ލީޑަރޝިޕަކީ މިއީ ކަމުގައި ވާނަމަ، ކޮންމެ މުއައްސަސާއެއްގެ ވެރިޔަކަށް ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ލުން މުހިންމުކަމުގައި ފެނެއެވެ. ލީޑަރުން ތަމްރީން ކުރުމުގައި ޔުނިވާސިޓީތަކުން ކިޔަވައިދޭ ލީޑަރޝިޕް ތިޔަރީތަކާއި، ކޯސް ކޮންޓެންޓް މިހާރުން މިހާރަށް ބަދަލުކުރަން ޖެހެއެވެ. ނަމަވެސް ލީޑަރޝިޕްގެ ހަޤީޤީ މާނަޔަށް ބަލާއިރު، އިސްވެދިޔަ ބުނެވުނު ކަންކަމަށްވުރެ، ލީޑަރޝިޕްގެ މާނަ ފުޅާވެފައި ލީޑަރުންގެ ޒިންމާ އެހާމެ ބޮޑެވެ. މިހިސާބުން ލީޑަރޝިޕް ފޮތްތަކުގައި ބުނެފައިވާ އެއްޗަކަށްވެސް ނަޒަރު ހިންގާލަމެވެ.

ލީޑަރޝިޕް އަކީ އެއްވެސްގޮތަކަށް މަޤާމެއް ނުވަތަ ރޭންކެއް ނޫނެވެ. ބައެއް ބޭފުޅުންނަށް ޤަބޫލުކުރެވޭ ގޮތުން، ވަކި މަޤާމެއް ނުވަތަ ވަކި ރޭންކެއްގައި އެމީހަކު ހުރުމުން، އެމީހަކަށް އެހެން މީހުން އެމީހަކަށް ބޯލަބައި، އިޙްތިރާމް ކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އަދި މަޤާމުގެ ހައިސިއްޔަތުން ދަށުން މަސައްކަތްކުރާ މުވައްޒަފުން ލީޑަރު ކުރާ ކޮންމެ އަމުރަކަށް ބޯލައި ކިޔަމަން ވާން ޖެހޭނެ އެވެ. ލީޑަރޝިޕަކީ، އެއްވެސް މަޖުބޫރު ކުރުމެއްނެތި، އެއްކޮށް މަސައްކަތް ކުރާ ފަރާތްތަށް، އެމީހުންގެ ފުރިހަމަ އިޚްތިޔާރާއެކު، ލީޑަރަށް ބޯލަބައި، ލޯތްބާއި، އިޙްތިރާމް ލިބިގަތުމާއިއެކު ލީޑަރުގެ ނުފޫޒު އެ ފަރާތްތަކުގެ މައްޗަށް އޮތުމެވެ.

ރަނގަޅު ލީޑަރޝިޕެއްގައި، ލީޑަރެއްގެ ފަރާތުން އެންމެ ފާހަގަވެގެންދާ އެއްސިފައަކީ، ބޮޑާވެ، ކިބުރުވެރި ނުވުމެވެ. މާޒީ ހަނދާން ނައްތާނުލައި، ތިމަންނާއަކީ އެހެން މީހުންނާ އެއްފަދަ މީހެއްކަން ދަނެ، އޯގާތެރިކަމުގެ ސިފަ އިސްކުރުމަކީ ހަރުދަނާ ލީޑަރޝިޕެއްގެ އަދި ލީޑަރެއްގެ އަސާސީ ސިފައެކެވެ. އެކުގައި މަސައްކަތްކުރާ މީހުންނަށް، އެހީތެރިކަން ފޯރުކޮށްދީ އަޅާލުމުގެ ސިފަ އިސްކޮށް، ތަފާތު ފަރާތްތަކުން ކޮށްދޭ ޚިދުމަތުގެ އަގު ވަޒަންކުރުން މުހިންމެވެ.

ލީޑަރުންނަކީ ވަކި އަމާޒެއް ހާސިލްކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވުން މުހިންމެވެ. ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ސާފުކޮށް އެނގުން ކޮންމެހެން މުހިންމެވެ. ތަފާތު އެކި ހާލަތްތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭ މީހެއްކަމުގައި ލީޑަރު ވުމާއެކު، ތަފާތު ހާލަތްތަކުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމާ ނަފްސާނީގޮތުން ދުޅަހެޔޮ ބަޔަކަށް ވުން މުހިންމެވެ. ލީޑަރެއްގެ ކިބައިގައި ހުންނަ އަސާސީ އެއް ސިފަކަމުގައި ކެތްތެރިކަމުގެ ސިފަ ވެގެން ދެއެވެ. ކަންކަމުގައި ޒިންމާ ނަގަން ދަންނަ، އެހެން ފަރާތްތަކަށް ޖަވާބު ދާރީވާ މީހަކަށް ލީޑަރުވުން މުހިންމެވެ.

މީހުންގެ ޝަކުވާތަކާއި އިޙްސާސްތައް އެންމެ ކުރިން ދެނެގަންނަ އަދި އަޑުއަހާ މީހަކަށް ލީޑަރު ވުން މުހިންމެވެ. އެންމެ ފުރަތަމަ އަޑުއަހާ، އެންމެ ފަހުން ވާހަކަދައްކާ ރަޢުޔު ނެރޭ މީހަކަށް ލީޑަރު ވާންޖެހެއެވެ. ކަންކަމުގެ ހަޤީޤަތް ފޮރުވުމުގެ ބަދަލުގައި ހަޤީޤަތް ހާމަކުރާ، އަދި މަކަރާއި އޮޅުވާލުންތަކުން އެއްކިބާވެފައިވާ މީހަކަށް ލީޑަރު ވުން މުހިންމެވެ. ދިމާވާ ކޮންމެ ކަމެއްގެ ޒިންމާ އެހެން މީހުންގެ ބޮލުގައި އަޅުވައި، އޭއީ އެހެން މީހުންގެ ސަބަބުން ދިމާވި މައްސަލައެއްކަން، ލޭބަލް އެޅުވުމުގެ ބަދަލުގައި އަމިއްލަ ޒިންމާ ނަގައި، އެއްކޮއް މަސައްކަތް ކުރާ ޓީމްގެ ފެއިލްވުމަކީ އަމިއްލަ ފެއިލްވުމެއް ކަމުގައި ދެކި ޒިންމާ ނެގުމަކީ ހަރުދަނާ ލީޑަރުންގެ ސިފައެކެވެ. ހަރުދަނާ ލީޑަރޝިޕެއް ލީޑަރުންގެ ގައިގައި އަށަގަތުމަށް ވަގުތު އަދި އަމަލީ ތަޖުރިބާ ބޭނުންވެއެވެ. ލީޑަރޝިޕަކީ، ވަގުތުން އަންނަ އަދި، ޝޯޓްކަޓް ގޮތްތަކެއް އެކުލެވޭ އެއްޗެއްކަމަށް ވިސްނޭނަމަ، ލީޑަރޝިޕަކީ އެމީހަކަށް ހާޞިލްކުރެވޭނެ ނުވަތަ އެމީހެއްގެ ކިބައިގައި އަށަގަންނާނެ އެއްޗެއް ނޫނެވެ.

ޑރ.  މާޓިން  ލޫތާ  ކިންގ  ޖޫނިއަރ  ބުނެފައިވާ  ބުނުމެއްގައި  ވެއެވެ.  “އަހަރަމެން  ބޭނުންވަނީ  ފައިސާދެކެ  ލޯބިވާ  ލީޑަރުންނެއް  ނޫނެވެ.  އަހަރަމެން  ބޭނުންވަނީ  އިންސާފަށް  ލޯބިކުރާ  ލީޑަރުންނެވެ.  ހަމައެހެންމެ  އަހަރަމެން  ބޭނުންވަނީ  ދެއްކުންތެރިކަމަށް  ލޯބިކުރާ  ވެރިންނެއްވެސް ނޫންމެއެވެ.  އަހަރަމެން  ބޭނުންވަނީ  އިންސާނިއްޔަތަށް  ލޯބިކުރާ  ވެރިންނެވެ.”

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!