އީމާންކަމަކީ، އިންސާނުންގެ ޙަޔާތުގައި، ވަރަށް މުހިންމު ކަމެއް ކަމުގައި ޚުޠުބާގައި ބަޔާންކުރެވިފައި ވެއެވެ.
އީމާންކަމަކީ ހަމައެކަނި ހިތުން ތެދުކުރުމެއް ނޫނެވެ. ދުލުން އިޤްރާރްވުމެއްވެސް ނޫނެވެ. ޚުޠުބާގައި ބުނާގޮތުން އީމާންކަން ފުރިހަމަވަނީ ޢަމަލުކުރުމުންނެވެ. ބާއްޖަވެރިކަމާއި، ކާމިޔާބު ލިބޭ މީހުންނަކީ، ނަމާދުގައި ހުޝޫޢަތްތެރިވާ މީހުންކަމުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. ނަމާދަކީ ގުނަވަންތަކުގެ ޢަމަލެކެވެ.
އީމާންކަމުގެ ހަތްދިހަ އެތަށް ބަޔަކަށް ބެހިގެންވާކަމަށް ކީރިތި ރަސޫލާގެ ހަދީޘް އިން އެނގިގެންދާ ގޮތުގައި އީމާންކަމުގެ އެންމެ މަތީ ދަރަޖައަކީ، لا إله إلا الله ކިޔުމެވެ. އެންމެ ދަށު ދަރަޖައަކީ މީސްތަކުންނަށް އުދަނގޫވާގޮތަށް މަގުމަތީގައި ހުންނަ ތަކެތި އެއްފަރާތްކުރުމެވެ. ލަދުވެތިކަމަކީ އީމާންކަމުގެ ބައެއްކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.
އީމާންކަމަކީ މުއުމިނުންގެ ޢަމަލުތައް ހުންނަ ގޮތަކުން، އުނިވެ އިތުރުވާ ކަމެއް ކަމުގައި ހުޠުބާގައި ބުނެވިފައި ވެއެވެ. ހެޔޮ ޢަމަލުގެ ސަބަބުން އީމާންކަން އިތުރުވެއެވެ. ފާފައިގެ ސަބަބުން އީމާންކަން ބަލިކަށިވެދެއެވެ. ކީރިތި ރަސޫލާގެ ހަދީޘްފުޅެއްގެ މާނާގައިވަނީ، ޒިނޭކުރާ މީހާ، މުއުމިނަކަށްވެ ހުރެ ޒިނޭ ނުކުރާނެއެވެ. އަދި ވައްކަންކުރާ މީހާ. މުއުމިނަކަށްވެ ހުރެ، ވައްކަން ނުކުރާނެއެވެ. އަދި ރާބޯމީހާ، މުއުމިނަކަށްވެ ހުރެ، ރަލެއް ނުބޯނެއެވެ.
އިމާންކަން ބަލިކަށިވުމުގެ ވަރަށް ގިނަ ސަބަބުތައް އެކުލެވިގެންވެއެވެ. އޭގެތެރޭގައި ޖާހިލުކަން ހިމެނެއެވެ. އަޤީދާއާއި ދީނުގެ ކަންތައްތައް ރަނގަޅު މަސްދަރުތަކުން ނުހޯދުމުގެ ސަބަބުން، އިސްލާމީ އަޤީދާއާއި ތައާރުޟުވާ ޢަމަލުތައް އިތުރުވާކަމަށް ޚުޠުބާގައި ބުނެއެވެ. އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ޣާފިލުވުން ހިމެނެއެވެ. ޣާފިލުވުމުގެ ތެރޭގައި މާތްﷲ އަށް އަޅުކަންކުރުން ދޫކޮށް، ދުނިޔެވީ އެކި ކަންކަމުގައި މަޝްޢޫލުވެގެން އުޅުންވެއެވެ.
ދުނިޔެއާއި ދުނިޔޭގެ ފިތުނަތަކަކީ އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަންކަމުގައި ޚުޠުބާގައި ބުނެއެވެ. މާތްﷲ ގެ މަތިންނާއި، އާޚިރަތްދުވަހުގެ މަތިން ހަނދާން ނައްތާލައި، ދުނިޔެއަށް ދަހިވެތިވުމަކީ، އީމާންކަން ބަލިކަށިވާކަމެކެވެ.
އިންސާނުންގެ އީމާންކަން އިތުރުވެ، ވަރުގަދަވުމުގެ ގިނަ ސަބަބުތަކެއް ވެއެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް ސަބަބަކީ ކީރިތި ޤުރްއާން ކިޔަވައި، އޭގެ އާޔަތްތަކާމެދު ވިސްނައި ފިކުރުކުރުންކަމުގައި ޚުޠުބާގައި ބަޔާންވެފައި ވެއެވެ.