ހުވަދުއަތޮޅު އުތުރުބުރީ، ގއ.ކަނޑުހުޅުދޫ ސާފުކުރުމުގެ ހަރާކާތެއް މާދަމާ ހިންގުމަށް އެރަށު ކައުންސިލް އިދާރާއިން ނިންމައިފިއެވެ.
ގއ.ކަނޑުހުޅުދޫ ކައުންސިލުން މިއަދު ބުނީ، މާދަމާ އޮންނަ ހަރަކާތަކީ، މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި ރަށުތެރެ ސާފު ކުރުމުގެ މި ހަރަކާތުގައި ވީހާވަސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށްވެސް ކަނޑުހުޅުދޫ ކައުންސިލުން އެދެއެވެ.
ސާފު ކުރުމުގެ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 ޖަހާއިރު އެވެ. އެގޮތުން ހަރަކާތް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރު ސަރަހައްދުންނެވެ.
ރަށުގެ ޒުވާނުންނާއި، ޢާންމު ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމަށް އަބަދުވެސް އެއްބާރުލުން ލިބޭ އިރު ގއ.ކަނޑުހުޅުދޫ އަކީ ސާފުތާހިރު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭއެވެ. އަދި ކަނޑުހުޅުދޫ އަކީ އިޖްތިމާޢީ ގުޅުން ރަނގަޅު ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެއްކަން މީގެ ކުރިން ހިންގައިފައި ހުރި އެހެނިހެން ހަރަކާތް ތަކުންވެސް ފާހަނގަ ވެއެވެ.