ގިނަ ބަޔަކާއި އެކީ ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިޔަށް ގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑިއަށް ގޮސްފައިވަނީ، އދ މަންދޫން ފުރައިގެން އއ. ހިމަންދޫއަށް ދިޔަ ދޯންޏެއް ކަމަށެވެ. އަދި އެދޯނި އަޑިޔަށް ދިޔައިރު އެދޯނިން ގާތްގަނޑަކަށް 60 ވަަރަކަށް މީހުން ދަތުރުކުރަމުންދިޔަ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މަންދޫ ކައުންސިލުގެ ރައީސް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެދޯނި އަޑިޔަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:00 އެހާކަންހާއިރު ކަމަށެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް މަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑިޔަށް ދިޔަ ދޯނި ތިލަ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން އެދޯނި އިންނަފުށި ރިސޯޓު ގޮނޑުދޮށަށް އެރުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން އަދި އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްފައިނުވެއެވެ.