ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލަރުން އެރަށުގެ މަސްވެރިންގެ ހާލު ބެލުމަށް މަސްވެރިންގެ ގާތަށް ޒިޔާރަތް ކޮށްފިއެވެ.
އެގޮތުން މިއަދު މެންދުރުފަހުގައި ކައުންސިލް މެމްބަރުން ވަނީ، އެރަށު ފަޅުގައި ތިބި މަސް ދޯނިތަކުގެ ކައިރިއަށް ގޮސް، މަސްވެރިންގެ ހާލު އަހައި، މަސްވެރިންނަށް ދިމާވެފައި ހުރި ގޮންޖެހުންތައް އޮޅުންފިލުވާފައެވެ.
ވިލިނގިލީ ކައުންސިލުން ހާމާކުރާ ގޮތުގައި މިއަދު މަސްވެރިންނާއި ބައްދަލުވެ މަސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވާލިއިރު، ވިލިނގިލި ބަދަނރު ނުނިމި ލަސްވާ ލަސްވުމާއި، ވިލިނގިލީގައި އައިސް ޕްލާންޓެއްނެތުމުން ދިމާވާ ދަތި އުނދަގޫގެ ވާހަކަތައް މަސްވެރިން ކައުންސިލް މެމްބަރުންނާއި ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން ވިލިނގިލީ ކައުންސިލުން ވިދާޅުވީ، މަސްވެރިންނަށް ހުރި ދަތިތަކާއި، ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
|- ވިލިނގިލި ކައުންސިލަރުން އެރަށުގެ މަސްވެރިންގެ ހާލު ބެލުމަށް މަސްވެރިންގެ ގާތަށް ކުރެއްވި ޒިޔާރަތްގެ ތެރެއިން–ފޮޓޯ: ވިލިނގިލީ ކައުންސިލް
ގއ.ވިލިނގިއްޔަކީ މަސްވެރި ރަށަކަށް ވެފައި، ގިނަ އަދަދެއްގެ މަސްވެރިން ދިރިއުޅެމުންދާ ރަށަކަށް ވުމުން މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މަސްވެރިންގެ ދުވަސް ރަށުފެންވަރުގައި ކުލަގަދަކޮށް ފާހަގަ ކުރުމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް މިއަދު ވިލިނގިލީގެ މަސްވެރިންނާއެކު ކުރެވުނު ކަމަށްވެސް ވިލިނގިލީ ކައުންސިލުން ހާމަކުރެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހަކީ 10 ޑިސެމްބަރ އެވެ. އަދި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހުވަދު އަތޮޅުގެ އެކިއެކި ރަށްތަކުން ދަނީ ހަރާކާތްތަަށް ރާވަމުންނެވެ. އެގޮތުން ގދ.ފަރެސްމާތޮޑާގައި ވެސް، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި “ހިތްވަރު މަސްރޭސް” ގެ ނަމުގައި މަސްބޭނުމުގެ މުބާރާތެއް ބޭއްވުމަށް އެރަށު ކައުންސިލުން ވަނީ ނިންމާފައެވެ.