އޮސްޓްރިޔާގެ ހޮސްޕިޓަލެއްގައި އުމުރުން ދުވަސްވީ މީހެއްގެ ނުބައި ފަޔެއް ބުރިކޮށްލުމާއި ގުޅިގެން އޮޕިރޭޝަން ކުރި ޑޮކްޓަރު ޖޫރިމަނާކޮށްފިއެވެ.
އެޤައުމުގެ ރިޕޯޓްތައް ބުނާގޮތުގައި މިއަހަރު މެއިމަހު އުމުރުން 82 އަހަރުގެ ފިރިހެނަކު އޭނަގެ ވައަތު ފައި ބުރިކޮށްލަދިނުމަށް އެދި އޮސްޓްރިޔާގެ ހޮސްޕިޓަލަކަށް ދިޔައެވެ. އެހެންނަމަވެސް އޮޕަރޭޝަން ކުރުމުގެ ތެރޭގައި ޑޮކްޓަރު ބުރިކޮށްލީ އޭނަގެ ކަނާތު ފަޔެވެ.
ބީބީސީގެ ރިޕޯޓްތައް ބުނާގޮތުގައި ބުރިކޮށްލެވުނީ ނުބައި ފަޔެއްކަން އެގުނީ އޮޕަރޭޝަން ކުރިތާ ދެދުވަސް ފަހުންނެވެ. އޮޕަރޭޝަންކޮށް ފައި ބުރިކޮށްލުމަށްފަހުގައި ބޭސް ބަދަލުކުރަން ދިޔުމުގެ ތެރޭ ބަލިމީހާ އެދުނީ އޭނަގެ އަނެއް ފައިވެސް ބުރިކޮށްލަ ދިނުމަށެވެ. ބުރިކޮށްލެވުނީ ނުބައި ފަޔެއްކަން ޑޮކްޓަރަށް އެގިގެންދިޔައީ އެހިސާބުންނެވެ.
މިދިޔަ ބުދަ ދުވަހު އޮސްޓްރިއާގެ ކޯޓުގައި އެކަމާއި ގުޅިގެން ބޭއްވި އަޑުއެހުމެއްގައި އޮޕަރޭޝަން ޑޮކްޓަރު (43) ވަނީ 2،700 ޔޫރޯ( 47,169.86 ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކޮށްފައެވެ.
މިމައްސަލައިގެ އަޑުއެހުމުގައި އެޑޮކްޓަރުވަނީ އެކުށަށް އިއުތިރާފްވެފައެވެ. ޑޮކްޓަރުންގެ ފަރުވާކުޑަ ކަމުން ހިގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން އެހޮސްޕިޓަލުގެ ޑިރެކްޓަރު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އާންމުންގެ ފަރާތުން މާފަށް އެދިފައެވެ. އަދި އެޑޮކްޓަރު މިހާރުވަނީ އެހެން ކްލިނިކަކަށް ބަދަލުކޮށްފައެވެ.
ފައި ބުރިކޮށްލި އުމުރުން ދުވަސްވި ބަލިމީހާ މަރުވުމާއި ގުޅިގެން އޭނާގެ ހުވަފަތް އަނބިމީހާ އަށް، ލިބުނު ގެއްލުމުގެ ބަދަލުގައި 5،000 ޔޫރޯ (87,346.96 ދިވެހި ރުފިޔާ) ވަނީ ދީފައެވެ.