ރާއްޖޭގެ ކްރިމިނަލް ކޯޓު ފެނިގެންދަނީ ސަރުކާރަށް ސިޔާސީ ބަދަލު ނަގައިދޭ ތަނެއް ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަދި ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
“މަރުހަބާ ރައީސް ޔާމީން” ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވަނީ ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށްދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޖަމީލް ވަނީ ޖޭއެސްސީއާއި ކޯޓްތަކާއި ޕީޖީއަށް ފާޑުވިދާޅުވެފައެވެ.
ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް އުފުލި ދައުވާގެ ތަހުގީގް އޮތީ މާކުރިން އުފައްދާފައިކަމަށެވެ. ޖަމީލް ވިދާޅުވީ، ކޯޓުތަކަކީ ރާއްޖޭގެ ކުރިއެރުމާއި ޤާނުނާއި ތަހުޒީބާއި ޤާނޫނު އަސާސީގެ މުގައްދަސްކަން ހިފަހައްޓާން ހުރިތަންތަންކަމަށެވެ. ކޯޓުތަކަކީ ސަރުކާރުގެ ޢާރުކާކާޓީއެއް ނޫންކަމަށާއި، ސަރުކާރު ނަގަހައްޓާ ތަނެއްވެސް ނޫންކަމަށެވެ. ޖަމީލް ވަނީ ކޯޓްތަކަކީ ސަރުކާރަށް ބަދަލު ނަގައިދޭ ތަނަކަށް ވެގެން ނުވާނެކަމަށްވެސް ވިދާޅުވެފައެވެ.
ޖަމީލް ވިދާޅުވީ ރާއްޖޭގެ ޖިނާޢީ ކޯޓްކަމަށްވާ ކްރިމިނަލް ކޯޓު ފެނިގެންދަނީ ސަރުކާރަށް ސިޔާސީ ބަދަލު ނަގައިދޭ ތަންތަނެއްގެ ގޮތުގައިކަމަށެވެ. މިކަން މިގޮަތަށް އޮވެއްޖެނަމަ ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖޭގެ އަދުލުގެ ނިޒާމަށް އޮތް އެންމެ ބޮޑު ހުރަހަށް ވެގެންދާކަން ޖަމީލް ފާހަގަކުރެއްވިއެވެ.
ޖަމީލްގެ ވާހަކަފުޅުގައި ޖޭއެސްސީ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވަޢުދެއްކަން ފާހަގަކުރައްވާ މިހާތަނަށްވެސް އެ ވަޢުދު ފުއްދިފައިނުވާކަން ފާހަގަކުރައްވާފައެވެ.
ޖަމީލްގެ ވާހަކަފުޅުގައި ކޯޓުތައް މަހުޖަނުންގެ ކެސިނޯއަކަށް ވެގެންނުވާނެކަމަށާއި، ސަރުކާރަށް ސިޔާސީ މަސައްކަތް ކޮށްދޭ ތަނަކަށް ވެގެންނުވާނެކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.