ޕާކިސްތާނުގެ ފެކްޓްރީއެއްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހަކު ތަޅާ އަނިޔާ ކުރުމަށްފަހު އެމީހާ ދިރިހުއްޓާ އަންދާލައިފިއެވެ.
އެޤަައުމުގެ ރިޕޯޓްތައް ބުނާގޮތުގައި ތަޅާ އަނިޔާކޮށް އަންދާލާފައިވަނީ ޕާކިސްތާނު ފެކްޓްރީއެއްގައި މަސައްކަތް ކުރާ ސްރީލަންކާގެ ރައްޔިތެކެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ގުޅިގެން އެމީހާ މަސައްކަތުގައި ހުއްޓާ ބަޔަކު އައިސް އޭނާ ތަޅާ އަނިޔާކޮށް ހެދި ކަމަށާއި އޭނައަށް ހަމަލާ ދީފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަ ގޮތުގައި އެމީހާ މަސައްކަތުގައި ހުއްޓާ ބަޔަކު ގޮސް އެމީހާއަށް އަނިޔާކޮށް އެތައް ސަތޭކަ ބެއްގެ ކުރިމަތީގައި އޭނާ އަންދާލިއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ އިރުދެކުނުން އޮންނަ ސިއަލްކޮޓްގައި، އިއްޔެ ހިގާދިޔަ މިހާދިސާގައި އަނިޔާ ލިބުނު ލަންކާ މީހާ ވަނީ ނިޔާވެފައެވެ.
މިހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ އެއީ ވަރަށް އަނިޔާވެރި އަމަލެއް ކަމަށާއި އެއަފަދަ އަމަލުތައް ކުއްވެރިކުރާ ކަމަށެވެ. މީގެ އިތުރުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް ރައްޔިތަކު އިސްލާމްދީނަށް ފުރައްސާރަ ނުކުރުމަށާއި އެކަކު އަނެކަކަށް އިހްތިރާމު ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައިވަނީ، މި ހަމަލާ އެންމެ ހަރުކަށިއިބާރާތުން ކުއްވެރި ކުރާ ކަމަށާއި މިކަމުގައި ޝާމިލުވާ މީހުން ހޯދައި، އެމީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޙައްޤު އަދަބު ދޭނެ ކަމަށެވެ.
މިމައްސަލައިގައި ހިމެނޭ 50 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.