އެމެރިކާގެ ތިން ސިޓީއެއްގައި ޕްރިންސެސް ޑަޔާނާގެ ގިނަ ފޮޓޯތައް ހިމަނައިގެން އެގްޒިބިޝަނެއް ފަށައިފިއެވެ.
ޑިސެމްބަރ 1 ވަނަ ދުވަހު ފެށިގެން ކުރިޔަށްދާ މިއެގްޒިބިޝަންގައި ހިމަނާފައިވާ ފޮޓޯތައް ނަގާފައިވަނީ ބްރިޓިޝްގެ މަޝްހޫރު ފޮޓޯގްރަފާ އަންވަރު ހުސައިންއެވެ. އަންވަރު ހުސައިންގެ އިތުރުން އޭނަގެ ދެދަރިން ކަމަށްވާ ޒަކް ހުސައިން އަދި ސާމިރް ހުސައިން ނަގާފައިވާ ޑަޔާނާގެ ފޮޓޯތައް ހިމަނައިގެން އެމެރިކާގެ ތިން ސިޓީއެއްގައި މިއެގްޒިބިޝަން ކުރިޔަށް އެބަގެންދެއެވެ.
މިއެގްޒިބިޝަނުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ފޯނަކާއި ހެޑްފޯނެއް ދޭގޮތަށް ވަނީ ނިންމާފައެވެ. އެފޯނުން ޑަޔާނާގެ ހުރިހާ ފޮޓޯތައް ފެނިގެންދާއިރު ހެޑްފޯނު ބޭނުންކޮށްގެން އެފޮޓޯއާއި ބެހޭ މައުލޫމާތު އަޑުއަހާލެވޭނެއެވެ.
31 އޮގަސްޓް 1997 ގައިޕްރިންސެސް ޑަޔާނާ މިފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައިވާއިރު އެކަމަނާގެ މިންނެތް މަސައްކަތާއި އެކަމަނާގެ ހަދާންތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަނީ ފެތުރިފައެވެ. އެކަމަނާއަކީ އެތައް ބަޔެއްގެ ލޯތްބާއި އިޙުތިރާމް ލިބިވަޑައިގެންނެވި އިންސާނިއްޔަތުކަމުގެ ލާމަސީލް މިސާލެކެވެ. ޝާހީއާއިލާއަކަށް އުފަން ޕްރިންސެސް ޑަޔާނާ ކައިވެނި ބައްލަވައިގަތީ ޕްރިންސް ޗާލްސްއާއެވެ. ޕްރިންސް ވިލިއަމް އަދި ޕްރިންސް ހެންރީއަކީ މިދެމަފިރިންގެ ދަރިކަލުންނެވެ.

ފޮޓޯ: ޕްރިންސެސް ޑަޔާނާ އާއި އާއިލާ
އަންވަރު ހުސައިންއަކީ ޑަޔާނާގެ އެންމެ އަރިހުގައި އުޅުނު އަދި ޑަޔާނާގެ ފޮޓޯ ނެގުމުގައި އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ހަރަކާތްތެރިވި ފޮޓޯގްރާފަރެވެ. އަންވަރު އާ އެއް ފެންވަރެއްގައި ފޮޓޯ ނުނެގުނު ކަމުގައިވިޔަސް އަންވަރުގެ ދަރިފުޅު ޒަކް އަކީވެސް އެހާ މޮޅަށް ފޮޓޯ ނަގާ މީހެކެވެ. މިއެގްޒިބިޝަންގައި އަންވަރު ހުސައިންގެ ފޮޓޯތަކުގެ އިތުރުން އޭނަގެ ދެދަރިން ނަގާފައިވާ ޑަަޔޔާނާގެ ފޮޓޯތައްވެސް ފެނިގެންދާނެއެވެ.
ހުސައިން އާއިލާއިން ރާވައިގެން ބާއްވާ މިއެގްޒިބިޝަން އޮންނާނީ އެމެރިކާގެ ލޮސްއެންޖްލްސް، ނިއުޔޯކް އަދި ޗިކާގޯގައެވެ.