ދެ އަހަރަށް ފަހު ރޭ ކާނިވާ ސަރަހަދުގައި އޮތް ޖަލްސާގައި ސަޕޯޓަރުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ކޮވިޑް-19 ވާހަކަ ނުގެންނެވުމުން، އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެއެވެ.
ވައްޑެ ވިދާޅުވީ ވެރިކަން ކުރެއްވި ކުރީގެ ރައީސެއް ދުވަސްތަކަކަށްފަހު ރައްޔިތުންނާ މުޚާތަބް ކުރެއްވިއިރު، ބަލިމަޑު ކަމެއްގެ ތެރޭގައި ދިވެހިން ދެ އަހަރު ދުވަސް ހޭދަ ކުރިއިރު، އެކަމަށް އަލި އަޅުވާނުލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މުޅިޤައުމު އުފުލި ދަތިއުނދަގުލާއި، އެތައް ދިވެހީންނެއް މިބަލީގައި ދުނިޔެ ދޫކޮށް ގޮސްފައިވާކަން ފާހަގަކޮށްނުލުން ވަރަށް އައިބު ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. އަދި ދެއަހަރު ވަންދެން މުޅި ޤައުމާއި ރައްޔިތުން އުފުލި ތަކުލީފުގެ ވާހަކަ ހަވާސާ ކޮށްލުމަކީ، އަމިއްލަ އެދުން ނޫން ކަމެއް ނެތްކަމުގެ ސާފު ހެއްކެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ވައްޑެ ވިދާޅުވީ، ރައީސް ޔާމީން ގަޑި ދެގަޑި އިރު ވަންދެން ދެއްކެވީ އަމިއްލަ ‘އީގޯ’ގެ ވާހަކަ ކަމަށެވެ.
ރައީސް ޔަމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ހުކުމް ޖަލު ހުކުމް ސްޕީމް ކޯޓުން ބާތިލް ކުރުމުން، ރައީސް ޔާމީންވަނީ ދެ އަހަރަށް ފަހު ޖަލުން މިނިވަންވެ ވަޑައިގެންފައެވެ. ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުން ރޭ އިދިކޮޅުން ކާނިވަލް ސަރަހައްދުގައި ބޮޑު ޖަލްސާއެއްވަނީ ބާއްވާފައެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީންވަނީ ގަޑިއިރެއް ވަންދެން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީންގެ ވާހަކަފުޅު އަމާޒު ކުރެއްވީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ތަކަށާއި ޝަރުއީ ދާއިރާއަށެވެ. ޝަރުއީ ދާއިރާއަށް ރޭގެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވިއިރު، ސަރުކާރުގެ ސިޔާސަތުތަކުން ޤައުމަށް ގެއްލުންވާނެ ކަމަށް ވިދާޅުވިއެވެ. އަދި “އިންޑިއާ އައުޓް” ކެންޕެއިނަކީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ހިންގާ ކެންޕެއިނެއް ކަމަށާއި ރަސްމީކޮށް އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ރައީސް ޔާމީންވަނީ ގޮވާލައްވާފައެވެ.