އިންޑޮނީޝިއާގެ ޖާވާ ރަށުގައި އަލިފާން ފަރުބަދައެއް ގޮވައި މިހާތަނަށް 13 މީހަކު މަރުވެ، 98 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބި ޒަޚަމްވެފައެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި މާބަނޑު ދެމީހަކުވެސް ހިމެނެއެވެ.
އިއްޔެގެ ވަގުތެއްގައި ސެމެރޫ ފަރުބަދަ އިން ދުންތައް އަރަން ފެށުމުން އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުން ރައްކާތެރި ހިސާބަށް ދިޔުމަށް ދުވާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
ފަރުބަދަ ކައިރީގައި ހުރި އަވަށްތައް އަޅިން ފުރިފައިވާ ކަމަށާއި ބޯ ދުމުގެ ސަބަބުން އިރުގެ އަލިކަން ގެއްލި މުޅި ސަރަހައްދު އަނދިރިވެފައިވާ ކަމަށް މަންޒަރުދުށް މީހުން ވަނީ ބުނެފައެވެ.
ލުމަޖަންގް ޑިސްޓްރިކްޓުގެ ޑެޕިއުޓީ ޗީފް އިންދާހް މަސްދަރު ވިދާޅުވީ 41 މީހުންނަށް ޒަހަމްވެފައި ވާއިރު، އެކި މީހުން އެކި ވަރަށް ފިހިފައިވާ ކަމަށެވެ.
އިންޑޮނީޝިއާގެ ޑިޒާޒްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި މެޑިކަލް ފެސިލިޓީތަކުގައި 35 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.
އަލިފާން ފަރުބަދައިން އަރާ ބޯ ދުމުގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިޔުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުންދާއިރު އެސަރަހައްދުގައި ކަރަންޓުވެސް ނެތް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. މީގެއިތުރުން ބޯކޮށް ވާރޭވެހި އެސަރަހައްދުގައި ވަނީ ކިސަޑު އުފެދިފައެވެ.

ފޮޓޯ: އިންޑޮނީޝިއާގެ ޖާވާ ރަށުގެ މިވަގުތުގެ ހާލަތު
އަލިފާން ފަރުބަދަ ވަށައިގެން ފަސް ކިލޯމީޓަރު ސަރަހައްދަކަށް ދިޔުން މަނާކޮށްފައި ވާއިރު، 15،000 މީޓަރު އުހަށް ދުން ފެތުރޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.
އޮސްޓްރޭލިއާގައި ހުންނަ ވޮލްކެނިކް އޭޝް އެޑްވައިޒަރީ ސެންޓަރު (ވީއޭއޭސީ) އިން ބުނާގޮތުގައި ފަރުބަދައާ ދުރަށް ދުން ފެތުރި، އިންޑިއާ ކަނޑުގެ މަތިން ހުޅަނގު ދެކުނަށް ދުންތައް ދަނީ ދަތުރު ކުރަމުންނެވެ.
މިދިޔަ އަހަރު ޑިސެމްބަރ މަހުގައިވެސް މިފަރުބަދަ ގޮވައި އެތައް ބަޔަކަށް ވަނީ އަނިޔާ ލިބިފައެވެ.