ޕާކިސްތާނުގެ ފެކްޓްރީއެއްގެ މެނޭޖަރަކަށް އުޅުނު ސްރީލަންކާ ރައްޔިތަކު ދިރިހުއްޓާ އަންދާލި މައްސަލައިގައި ތުހުމަތު ކުރެވޭ 120 މީހަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ރައްޔިތެއް ކަމަށްވާ ޕްރިޔަންތަ ދިޔަވަދަނާ އިސްލާމްދީނަށް ފުރައްސާރަކުރި ކަމަށްބުނެ އެފެކްޓްރީގެ މުވައްޒަފުންނާއި އޭނަޔާ ދެމެދު ވަނީ ދެބަސްވުންތަކެއް ހިނގާފައެވެ. އެހެންކަމުން މިދިޔަ ހުކުރު ދުވަހު ބަޔަކު ވަނީ އޭނާ ފެކްޓްރީގައި އުޅެނިކޮށް އޭނާއަށް އަނިޔާކޮށް މަގުމައްޗަށް ނެރެ އޭނާ ދިރިހުއްޓާ އަންދާލާފައެވެ. މަންޒަރުބަލަން ތިބި ގިނަބަޔަކު މިކަމަށް ތާއިދުކޮށް އޭނައަށް މަލާމާތްކުރަމުން ދިޔަކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ނަގާނިޔަނީ ތަކްރީރޭ ލައްބައިކް ގްރޫޕުން އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް މީގެ ކުރިންވެސް ވަނީ ހަމަލާދީފައެވެ. ލަންކާ މީހާ އަންދާލުމުގައިވެސް ހަރަކާތްތެރިވެ އުޅުނީ މިޖަމާއަތުން ކަމަށް ރިޕޯޓްތަކުގައި ތުހުމަތުކޮށްފައިވެއެވެ.
ޕާކިސްތާންގައި ދީނަށް ފުރައްސާރަކުރާ ކަމަށް ބުނެ ލާއިންސާނީ އަމަލުތައް ހިންގުން މިހާރަކަށް އައިސް ވަރަށް ގިނަވެފައިވާ ކަމަށް އެޤައުމުގެ ރިޕޯޓްތަކުގައި ހާމަކޮށްފައިވެއެވެ. އެ ގައުމުގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ބިނާތަކަށް ގެއްލުން ދިނުމާއި ހަރުކަށި ފިކުރަށް ތަބާނުވާ ކޮންމެ މީހަކަށް މަގުމަތިން ހުކުމްކުރުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އިސްލާމްދީންގެ ނަމުގައި ޖާހިލު އަމަލުތައް ހިންގަމުން ގެންދާ ޖަމާއަތްތަކުން ގަބޫލުކުރާ ގޮތުގައި ޣައިރު ދީންތަކުގެ ވެރިންނާ ގުޅުން ބަދަހި ކުރުމަކީ ވެސް ފާފައެކެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕާކިސްތާނުގައި މިފަދަ އަމަލެއް ހިގާ ދިޔުމުން އެކަމާ ލަދުގަންނަ ކަމަށާއި މިމައްސަލައިގައި އިންސާފް ހޯދައިދޭނެ ކަމަށެވެ. އަދި މިހަމަލާގެ ބައިވެރިންނަށް ހައްޤު އަދަބު ދިނުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ އަންގާފައެވެ.