އިންޓަރނެޓްގެ ޒަރީޔާއިން ރާއްޖޭގައި އެހެންދީންތައް ފަތުރާ ވެބްސައިޓްތަކާއި މީޑިޔާ ޕޭޖްތައް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ވަގުތު ނަގާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިހާރަކަށް އައިސް ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތައް ޕްރޮމޯޓްވާ ގޮތަށް މީޑިޔާގައި ޕޯސްޓުތަކާއި ދިވެހިން އަޑުއަޅާފައި ހުންނަ ވީޑިޔޯ ތަކުގެ އިތުރުން ދިވެހިން ތަރުޖަމާކޮށްފައި ހުންނަ އެހެން ދީންތަކުގެ ފޮތްތައް ދަނީ ފަތުރަމުންނެވެ. ޔޫޓިއުބް މެދުވެރިކޮށް ދިވެހިން އެހެން ދީންތަކަށް އަހުލުވެރިކުރުވަން މަސައްކަތް ކުރަމުންދާކަން ފުލުހުންގެ ސަމާލުކަމަށްވަނީ ގެނެވިފައެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުންވަނީ މިފަދަ ވެބްސައިޓްތަކާއި މީޑިޔާ ޕޭޖްތައް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވިދާޅުވަނީ މިއަމުރު ތަންފީޒުކުރުމަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ގުޅިގެން ކުރިޔަށްދާ މަސައްކަތަކަށްވާތީ މިކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އިތުރުކުރުމަށްޓަކައި ސްކޫލްތަކުގެ ދަރިވަރުންވެސް ޓާގެޓް ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ސްކޫލްތަކުގައި ކިޔަވައިދޭ އެހެން ދީންތަކުގެ ޓީޗަރުން އިސްލާމްދީނާއި ޚިލާފް ވާހަކަތަކާއި މައުލޫމާތުތައް ދަރިވަރުންނަށް ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ.