ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުން ކުރުމާއި ބެހޭ ގޮތުން ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން އެއަތޮޅު ހޯޑެއްދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.
ޑިސެމްބަރ 2 ވަނަ ދުވަހު 45 ބެލެނެވެރިންނާއެކު ބޭއްވުނު މިސެޝަނުގައި އިންޓަނެޓާއި ބެހޭގޮތުން ބެލެނެވެރިންނަށް މައުލޫމާތުދެވުނެވެ. އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިންނަށް އަމާޒުކޮށް ހިންގާ ކުށްތަކަށް ބެލެނެވެރިން ސަމާލުކުރުވައި އެކުށްތަކުން ކުދިން ރައްކާތެރި ކުރާނެ ގޮތުގެ މައުލުމާތު ވަނީ ބެލެނެވެރިންނަށް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ކުދިން އިންޓަނެޓް ބޭނުން ކުރާއިރު ކުދިންނަށް ހާއްސަ ސަމާލުކަމެއްދީ އެކުދިން އެފަދަ ކުށްތަކަށް އަރައިގަތް ނުދިނުމަށް ބެލެނެވެރިންނަށް ކުރެވިދާނެ ކަންތައްތަކާއި، އެކުދިންގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެނަމަ ކުދިން ރައްކާތެރިކުރުމަށް ޢަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މިސެޝަނަކީ ހޯޑެއްދޫ ކައުންސިލުން އެދިގެން ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ރާވައި ކުރިޔަށް ގެންދެވުނު ބައްދަލުވުމެއް ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.