ތިނަދޫ މަގެއްގެ މަތީ ހުރި އަންހެނަކާ ޒުވާބުކޮށް އޭނާގެ ކަންފަތްމަތީ ޖެހި މައްސަލައިގައި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ. އޭނާ ޖަލަށް ލާން ހުކުމްކޮށްފައިވަނީ އެއް މަހާއި 24 ދުވަހަށެވެ.
ތިނަދޫގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް ކައިރީގައި މިހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މިމައްސަލައާ ގުޅިގެން ދައުލަތުންވަނީ އަނިޔާ ދިނުމުގެ ދައުވާ އެ ފިރިހެން މީހާގެ މައްޗަށް އުފުލާފައެވެ. އެގޮތުން ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ ތިނަދޫ ޓެއިލަރު، މުހައްމަދު އަބްދުﷲ ގެ މައްޗަށެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި ޕެޓްރޯލް ޝެޑް ކައިރީގައި އަންހެނަކު ހުއްޓާ އޭނާއާ ޒުވާބުކޮށް ވާއަތްފަރާތުގެ ކަންފަތްމަތީގައި ޖެހުމުގެ ސަބަބުން އެއަންހެން މީހާގެ މޫނަށް އަނިޔާވެފައިވާ ކަމަށާއި އަދި އެކަން އަންހެން މީހާގެ މެޑިކޯ ރިޕޯޓުން އެނގެން އޮތް ކަމަށެވެ.
އަދުލަތުން ކޮށްފައިވާ ދައުވާއަށް މުހައްމަދު ޢަބްދުﷲ އިއުތިރާފު ވުމާއެކު، 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމުން އެއްބައި އުނިކޮށް އޭނާގެ މައްޗަށް އިއްވާފައިވަނީ 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
މުހައްމަދު އަބްދުﷲ ވަނީ ހުކުމް ޖޫރިމަނާއަށް ބަދަލުކޮށްދޭން އެދިފައެވެ. ނަމަވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިއްވާފައިވާ މި ޖަލު ހުކުމް ޖޫރިމަނާ ކުރިނަމަ އެކަމުގެ ސަބަބުން އެފަދަ ހުތުރު އަމަލު ހިންގުމަށް އެހެން މީހުންނަށް ހިތްވަރު ލިބުމުގެ ފުރުސަތު އޮތުމުންނާއި، ކުށުގެ އަދަބު ލިބުނުކަން ހަގީގީ މާނައިގައި އިހްސާސް ކުރެވޭނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭތީ ހުކުމް ޖޫރިމަނާ އަށް ބަދަލުނުކުރީ ކަމަށްވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވެއެވެ.
އަދި މިހުކުމް ޖޫރިމަނާ އަށް ބަދަލުކުރި ނަމަ، ޖޫރިމަނާގެ ގޮތުގައި 10،800 ރުފިޔާ މުހައްމަދު އަބްދުﷲ ދައްކަންޖެހޭނެއެވެ.
ދިވެހި މުޖުތަމައުގައި އަންހެނުންނަކީ އިހްތިރާމާއި ގަދަރާއި ރައްކާތެރިކަން ލިބިގެންވާ ބައެއްކަން މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއެކު، އެއް މަހާއި 24 ދުވަހަށް ގދ. ތިނަދޫ ޓެއިލަރު, މުހައްމަދު އަބްދުالله ޖަލަށް ލާން އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.