ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ޑިވެލޮޕް ކޮށްފައިވާ ބީލަން ޕޯޓަލް ރާއްޖޭގައި ތައާރަފްކޮށްފިއެވެ.
މިއަދު ހެދުނު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިޕޯޓަލް ހުޅުވާދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ މިޕޯޓަލްގެ ސަބަބުން އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާ ގުޅިގެން ބަލައިގަނެވޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ކުރިޔަށް ގެންދެވޭނެ ކަމަށާއި މިއަދަކީ ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ނިޒާމް އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެމުން ދާ މަސައްކަތުގައި އެންމެ މުހިންމު އެއް ފިޔަވަޅު އެޅިގެންދިޔަ ދުވަސް ކަމަށެވެ.
މިއަދު މި ލޯންޗުކުރެވުނު ޕޯޓަލް ފަރުމާކޮށްފައި ވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެ ގޮތަށް ކަމަށާއި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިން ވެސް އިސްތިސްނާ ވެގެން ނުވާކަން އަމީރު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނަކީ ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން ދަނެގެން އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އާ ގުޅިގެން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ޓްރެއިނިން ޕްރޮގްރާމް ފެށުމަށްފަހު ދެކުއާޓާ ނިމުމުގެ ކުރިން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200 އަށް ވުރެ ގިނަ މުވައްޒަފުން ޓްރެއިން ކުރުމަކީ އަމާޒެއް ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަމީރު އިތުރަށް ވިދާޅުވީ ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދައުލަތުގެ އޮފީސްތަކަށް ހުށަހަޅާ ބިލްތަކަށް ފައިސާ ލިބިމުގައި ދިމާވާ ދަތިތައް ކަމަށާއި މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ދައުލަތުގެ ކޮންމެ އޮފީހަކަށްވެސް ބިލް ހުށަހެޅޭ ފުރަތަމަ ތާރީހުން ފެށިގެން މިނިސްޓްރީއަށް އެ ބިލް ޓްރެކް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ކުރިއަށް ދާކަން ފާހަގަކުރެއްވިއެވެ.