ޚަބަރު
ބެޓަރި ކާރުގައި ޓެކްސީ ކުރަން ފުރުސަތު ހުޅުވާލައިފި

ވިލިމާލޭގައި ބެޓަރި ކާރުގައި ޓެކްސީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މާލެސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލެސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ވިލިމާލޭގައި ޓެކްސީކުރަން ހުއްދަ ދޭން ނިންމާފައި ވަނީ 10 ބެޓެރި ކާރަށެވެ. އަދި ބެޓެރި ވޭނަށް ވެސް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެކައުންސިލުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓުގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި އުޅަދުތައް ބޭނުންކުރާ އަވަށެކެވެ. އެހެންކަމުން އެއަވަށުގައި ގިނަބަޔަކު ބެޓަރި ސައިކަލް ބޭނުންކުރެއެވެ. ބެޓްރީ ސައިކަލްގެ އިތުރުން އެ އަވަށުގައި ބަގީގެ ހިދުމަތް ވެސް ކުރިން ދީފައިވެއެވެ. އެކަމަކު، މިހާރު ބަގީގެ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ އާންމުން ކުރެއެވެ.

އެހެންނަމަވެސް ވިލިމާލޭގައި ބެޓަރި ކާރުގެ 24 ގަޑިއިރު ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

ވިލިމާލޭގައި ދުއްވާ ބެޓަރި ސައިކަލް އާއި ބެޓަރި ކާރުތައް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމީ ބެޓަރި ވެހިކަލްތައް ގިނަވުމުން ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލަން ފަސޭހަވެގެންދާނެތީއެވެ. އެހެންނަމަވެސް ބެޓަރި ވެހިކަލްތައް ރަޖިސްޓްރީ ކުރަން އަދި ހުޅުވާނުލައެވެ.

Comment