ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި އޮތުމުން ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރުމުގެ އަމުރެއް ނެރެދޭން ދައުލަތުން މިއަދު ވަނީ އެދިވަޑައިގެންފައެވެ.
ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައިވަނީ، ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވާތީ ކޮންމެ ވަގުތަކުވެސް ފުރާވަޑައިގަތުމުގެ ތަނަވަސްކަމާއި އެފަދަ ބޭރުގެ ގުޅުންތައް އޮންނާނެ ކަމަށާއި، ޝަރީއަތް ހިންގަން ޔާމީން ކޮންމެހެން މާލޭގައި ހުންނަވަން ޖެހޭ ކަމުގައެވެ.
އެގޮތުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޔާމިންގެ ދިފާއީ ވަކީލުން ފާހަގަ ކުރައްވާފައިވާ ގޮތުގައި އެމަނިކުފާނުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި އޮތުމުން މިހާރު ވެސް އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ވަޑައިނުގަނެވޭނެ ކަމަށާއި، އަދި މިހާތަނަށްވެސް ޔާމީން ވަނީ ޝަރީއަތަށް އެއްބާރުލުން ދެމުން ކަމުގައެވެ.
މައްސަލަ ބައްލަވާ ގާޒީ، އަހްމަދު ޝަކީލް ވަނީ ދައުލަތަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ޕާސްޕޯޓުގެ މުއްދަތު ހަމަވިކަން ދައުލަތަށް އެނގޭތޯއާއި، އާކުރާއިރު ދޫކުރަނީ އާ ނަންބަރެއްތޯއާއި، ދައުލަތަށް ނޭނގި އާކުރެވޭނެ ޖާގަ އޮތްތޯ ވަނީ ސުވާލުކުރައްވާފައެވެ.
ގާޒީ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ، ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާކަން ދައުލަތަށް އެނގޭ ކަމަށާއި، އަދި ޕާސްޕޯޓު އާކުރާއިރު ދޫކުރާނީ އާނަންބަރެއް ކަމަށެވެ. އަދި އިމިގްރޭޝަންގައި އެކަމަށް އެދިއްޖެ ނަމަ، އާ ޕާސްޕޯޓު ދޫކުރުމުގެ ކުރިން ދައުލަތަށް އެކަން ހުއްޓުވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ ކަމުގައެވެ.
ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމުން އެއީ ވުޖޫދުގައި ނެތް ޕާސްޕޯޓެއް ކަމުގައި ބެލެވެއެވެ. އެހެންވެއާއެކު ރައީސް ޔާމީންއަށް ފުރުމުގެ ޖާގައާއި ސަބަބެއް ވެސް ނެތް ކަމުގައެވެ. ބުރަދަނެއް ހުރި އިތުރު ސަބަބެއް ވެސް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވެއެވެ.
ރައީސް ޔާމީނަކީ މިހާތަނަށް އައި އިރު ވެސް ޝަރީއަތަށް އެއްބާރުލުންދީ، ކޯޓުން އަންގާ ވަގުތަކަށް ހާޒިރުވަމުން ވެސް އަންނަ ބޭފުޅަކަށް ވާތީވެ އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ.
ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި މި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވެފައިވަނިކޮށެވެ.
ދައުލަތުން ވިދާޅުވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިވަޑައިގަތީ މަނީ ލޯންޑަރިންގެ އެހެން މައްސަލަތަކުގައި ވެސް އަމަލުކޮށްފައިވާ އުސޫލުން ކަމަށެވެ. ކުރިން އެ ގޮތަށް އެދިވަޑައިނުގަތީ ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން އެދިވަޑައިގަތުމުގެ ސަބަބެއް ނެތުމުން ކަމަށް ވެސް ދައުލަތުން ވިދާޅުވެއެވެ.
އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް ޕީއެންސީގެ އެތައް ހާސް ސަޕޯޓަރުން ވެސް ގަބޫލު ކުރަނީ އެމަނިކުފާނުގެ މައްޗަށް އުފުލަމުން ދަނީ “ސިޔާސީ ދައުވާތަކެއް” ކަމުގައެވެ.