އއ.އުކުޅަހުގެ ގެސްޓް ހައުސްއެއްގައި ކްރިސްމަސް ގަހެއް ބެހެއްޓި މައްސަލައިގައި އެރަށު މީހުން ނުކުމެ ނުރުހުން ފާޅުކޮށްފިއެވެ.
އުއުކުޅަހުގައި ހިންގަމުންދާ ރަންތަރި ނަމަކަށް ކިޔާ ގެސްޓް ހައުސްއެއްގައި ކްރިސްމަސް ގަހެއް ބެހެއްޓީ އޮޅުމަކުން ކަމަށާއި އެއީ ޤަވައިދާ ޚިލާފް ކަމެއްކަން އެގުނު ހިސާބުން އެގަސް ނަގާފައިވާ ކަމަށް އުކުޅަހު ކައުންސިލްގެ މެމްބަރު މުހައްމަދު ހުސްނީ ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ.
ހުސްނީ ވިދާޅުވީ އެއީ ބިދޭސީ މީހަކު ހިންގާ ގެސްޓް ހައުސްއެއް ކަމަށާއި ރާއްޖޭގައި ކްރިސްމަސް ފާހަގަކުރުމަކީ މަނާ ކަމެއްކަން އެމީހާއަށް ނޭގޭކަމަށެވެ.
ހުސްނީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޓޫރިޒަމް ހިންގާ ފަރާތްތަކުން ކްރިސްމަސް ފާހަގަކުރަމުން އަންނަތަން އެމީހާއަށް ފެނިފައިވާ ކަމަށް ބުނެ އެމީހާ ވަނީ އެކަމާ ޝަކުވާ ކޮށްފައެވެ.
އެހެންނަމަވެސް ކައުންސިލުގެ އެންގުމަށް ކިޔަމަންވެ ބިދޭސީމީހާ ވަނީ އެގަސް ނަގާފައެވެ.
އުކުޅަހު ކައުންސިލުން ބުނާ ގޮތުގައި އެގަސް ބެހެއްޓީ ކޮންއިރަކު ކަމެއް ނޭގެއެވެ. ރޭއިރުއޮއްސުނުފަހުން ރަށުގެ ރައްޔިތުން ނުކުމެ ހިތްހަމަނުޖެހުން ފާޅުކުރި ކަމަށް ހުސްނީ ވިދާޅުވިއެވެ.
ހުސްނީ އިތުރަށް ވިދާޅުވީ މިފަދަ ޤަވައިދާ ޚިލާފް އަމަލުތައް ހިންގާތޯ ބަލާ އެފަދަ އަމަލުތައް ކުރާމީހުންނަށް ހައްޤު އަދަބު ދޭނެ ކަމަށެވެ.
މިމްއްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.