ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހިގާދިޔަ އެކްސިޑެންޓުގައި އަނިޔާ ލިބުނު ހާއްސައެހީއަށް ބޭނުންވާ މީހާގެ ހާލު ސީރިޔަސްވެ އޭނައަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން މައުލޫމާތު ދީފިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ މ. ކިނބިދޫގޭ ޚާލިދު ޢަބްދުﷲ (40އ.) އަށެވެ.
އާއިލާއިން ބުނާގޮތުގައި ޚާލިދުގެ ބެޓަރި ސައިކަލް ކާރެއްގައި ޖެހި ހިގާދިޔަ މިއެސްޑެންޓުގައި ޚާލިދުގެ އަނގަމަތީގެ ކަށިގަނޑު (ނޭފަތާއި ގުޅޭ ހިސާބުގެ ކަށިގަނޑު) ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އޭނައަށް ކުޅުވެސް ދިރުވައިނުލެވޭ ކަމަށެވެ. އަދި މިވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ޚާލިދު މިވަގުތު އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.
އެކްސިޑެންޓުވި ކާރުގެ ޑްރައިވަރަކީ ކާކުކަމެއް އަދި އެނގިފައި ނުވާ ކަމަށާއި މިމައްސަލަ ފުލުހުން ތަހުޤީގުކުރަމުންދާ ކަމަށް އާއިލާއިން ބުންޏެވެ.
މިމައްސަލައިގައި ފުލުހުން ވިދާޅުވަނީ އިއްޔެ ހެދުނު ހުޅުމާލޭ ބްރިޖް ކައިރިން އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމައްސަލަ ތަހުޤީގުކުރަމުން އަންނަ ކަމަށެވެ.