ޓެކްނޮލޮޖީގެ ރޮގުން ދުނިޔެ ހޯދަމުން އަންނަ ކުރިއެރުމާއެކީ، ބޮޑެތި ބަދަލުތަކެއް އަހަރަމެންގެ ދިރިއުޅުމަށް ގެނުވައެވެ. ޒަމާންތަކެއް ކުރިން، ކުޑަކުދިން ތަފާތު ކުޅިވަރުތައް ކުޅެ، ތަފާތު ކުޅޭތަކެތި ގެންގުޅުމަށް ލޯބިކުރި ނަމަވެސް، މިއަދުގެ ގިނަ ކުޑަކުދިންގެ ދިރިއުޅުމުން ފެނިގެންދަނީ، ކުޅިވަރުތަކާއި ދުރުވެ، ގިނަވަގުތު ޓެބްލެޓް ފަދަ ތަކެއްޗާއި ކުޅުމަށް ގިނަވަގުތު ހޭދަކުރާ މަންޒަރެވެ. ނަތީއްޖާއަކަށް ވެފައިވަނީ، ގިނަ އަދަދެއްގެ ކުދިންނަށް ތަފާތު ނަފްސާނީ މައްސަލަތައް ކުރިމަތިލާންޖެހިފައި ވުމެވެ.
ފާއިތުވީ 50 އަހަރަށް ބަލާއިރު، ކުޑަކުދިންނަށް ޑިޕްރެޝަން އަދި އެންޒައިޓީ އިތުރުވެފައިވާއިރު، 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން %13 އިންސައްތަ ކުދިންނަށް ޑިޕްރެޝަންގެ މައްސަލަ ފާހަގަކުރެވިފައި ވެއެވެ. ގިނައަދަދަކަށް ކުދިންގެ ކިބައިން ޑިޕްރެޝަންގެ ތަފާތު މައްސަލަތައް ފެނުމާއި ގުޅިގެން، މި މައްސަލަ ކުރިމަތިވާ ސަބަބެއް ދެނެގަތުމަށް ދިރާސާކުރާ ގިނަ ފަރާތްތަށް ތަފާތު ދިރާސާތަށް ކުރިޔަށް ގެންދެވިފައި ވެއެވެ.
ޖަޕާންގެ ސެން ޑިއޭގޯ ސްޓޭޓް ޔުނިވާސިޓީގައި ޖީން ޓްވެންގް ކިޔާ ފަރާތްތަކުން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި، ސްކޫލް އުމުރުގެ ގިނަ ކުދިންނަށް ތަފާތު ނަފްސާނީ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން، ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ މައްސަލަތައް އިތުރުވެފައި ވެއެވެ.
އެމެރިކަން ޖާނަލް އޮފް ޕްލޭގައި ހިމެނުނު އާޓިކަލްއެއްގައި ބުނެފައިވާގޮތުގައި، ކުދިން ތަފާތު ކުޅިވަރުރުތަކުގައި ބައިވެރިވެ ކުޅުމުގެ ފުރުޞަތު ނުލިބުމާއި، ޑިޕްރެޝަން އަދި އެންޒައިޓީ އާއި ގުޅުމެއް ވެއެވެ.
1955 ވަނަ އަހަރުން ފެއްޓިގެން ޓެކްނޮލޮޖީއަށް އަންނަމުން ގޮސްފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ގުޅިގެން، އަހަރަމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ކުޑަކުދިން މިނިވަންކަމާއެކު ކުޅުމުގައި ހޭދަކުރަމުން ދިޔަ ގިނަވަގުތުތައް މިއަދު ބޮޑުތަނުން ދަށްވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ބޮސްޓޮން ކޮލެޖްގެ ސައިކޮލޮޖީ ޕްރެފެސަރެއް ކަމުގައިވާ، ޑރ. ޕީޓާ ގްރޭ ބުނެފައިވާ ގޮތުން. ބޮޑެތި މީހުން ކުދިން ކޮންޓްރޯލްކޮށް، އަބަދު ލޯކުރިމަތީގައި ބައިންދަން ބޭނުންވެ، ކޮންމެ ކުއްޖެއްގެ އަތަށް ޓެބްލެޓެއް ނުވަތަ މޯބައިލް ފޯނެއް ދެއެވެ. ނޫނީ ކާޓޫނެއް އަޅުވައިފައި ނުވަތަ ގޭމެއް ކުޅުމަށް ގިނަވަގުތު ފުރުޞަތުދީގެން ކުދިން ކޮންޓްރޯލް ކުރުމުގެ ނަތީއްޖާއަކަށް ވެގެންދަނީ ނަފްސާނީ ގޮތުން ބަލިކަށި ކުދިންތަކަކަށް އެކުދިން ބަދަލުވުމެވެ. އޭނާ އިތުރަށް ހާމަކުރާގޮތުގައި، ކުރީގެ އާދަކާދަޔާއި ތަފާތުކޮށް މިޒަމާނުގެ ކުދިން ވަރަށް މަދުން ނޫނީ ގެއިން ބޭރުގައި، ގޭގެ ގޯތިތެރޭގައި އެއް އުމުރުގެ ކުދިންނާއެކު މަޖާކޮށް ކުޅެ އުޅޭ މަންޒަރު ނުފެނެއެވެ. ކުޑަ ކުދިންގެ ބެލެހެއްޓުމުގެ ކަންތައް ވަރަށް ފުރިހަމަޔަށް މައިންބަފައިން ކޮށް، ޤަވާއިދުން ރީތި ޔުނިފޯމު އަޅުވައި ކުދިން ދެއިރު ސްކޫލަށް ފުނުވި ނަމަވެސް، އެކުދިންގެ ސިކުނޑި ހެދި ބޮޑުވެ ހުޅުވެން ޖެހޭ މިންވަރަށް ހުޅުވި، ހާސްވުން ތަކާއި މާޔޫސްކަން ކުދިންގެ ދިރިއުޅުމުން ފިލައިގެން ނުދެއެވެ.
ކުރީގެ ޒަމާނާއި އަޅާ ކިޔައިފިނަމަ، 1981 ވަނަ އަހަރާއި 1997 ދެމެދުގެ އަހަރުތަކުގެ ޒުވާން ކުދިންނާއި، މިހާރުގެ ޒުވާން ކުދިންގެ ދިރިއުޅުމުން ވަރަށް ބޮޑެތި ތަފާތުތަކެއް ފެންނާނެއެވެ، މިމުއްދަތުގެ އަހަރުތަކުގައި ކުޑަ ކުދިންނަށް ލިބޭ ހުސްވަގުތު މަދުވެފައި، ރައްޓެހިންނާއި، ކައިރި ގެތަކުގެ އެއް އުމުރުގެ ކުދިން އެކުގައި ކުޅެން ހޭދަކުރާ ވަގުތު ގިނަވެފައި ވެއެވެ. ނަމަވެސް މިޒަމާނުގެ ކުދިންނަށް ބަލައިފިނަމަ، ގިނަ ވަގުތު ކުދިން ހޭދަކުރަނީ ސްކޫލްގައެވެ. އަދި ހެލިފެލިވެ އުޅެންޖެހޭ ކުޅިވަރުތައް ކުޅުން މަދުވެ، އެކުވެރިން މަދުވެފައި، ކޮމްޕިއުޓަރުން ނުވަތަ މޯބައިލް ފޯނުން ގޭމް ކުޅޭ މިންވަރު ގިނަވެ، ސްކްރީންޓައިމް އިންތިހާއަށް އިތުރުވެފައި ވެއެވެ.
ގިނަ ދިރާސާތަކުން ދައްކާގޮތުގައި، ކުޑަކުދިން ބޭނުން ބާވަތެއްގެ ކުޅިވަރުކުޅެ، ރައްޓެހިންނާއި އެކު މަޖާކޮށް ހެދުމަށް ހުސް ވަގުތު ހޭދަކުރަންޖެހެއެވެ. މިފަދަ ހަރަކާތްތަކުން އަމިއްލަ ނަފުސުގައިވާ ތަފާތު ކަންކަން އެނގި، ތަފާތު ކަންކަމުގައި އަމިއްލަ ވިސްނުމާއި އެއްގޮތަށް ގޮތް ނިންމަން އެކުދިންނަށް ދަސްވެގެން ދެއެވެ. ކުޅިވަރުގެ ތެރެއިން ކުދިންނަށް ތަފާތު ސޯޝަލް ހުނަރުތައް ކުޅިވަރުގެ ތެރެއިން ދަސްވުމުގެ އިތުރުން، ޤަވާއިދުތަކާއި އުޞޫލުތަކަށް ބޯލެނބުމަށް ދަސްވެގެން ދިޔުމުގެ އިތުރުން އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށް ދަސްވެއެވެ. ތަފާތު ކުޅިވަރުގެ ތެރެއިން ކުދިންނަށް އަމިއްލަ އިޙްސާސްތަށް ކޮންޓްރޯލްކުރަން ދަސްވުމުގެ އިތުރުން، ތަފާތު ރައްޓެހިންނާއި ގުޅުން ބަދަހިވުމުގެ އިތުރުން، ސްޓްރެސް ފިލުވައި ވަރަށް ބޮޑު ހިތްހަމަޖެހުމުގެ އިހްސާސެއް ކުދިންނަށް ގެނެސްދެއެވެ. އެހެންކަމުން، ކުޅިވަރަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ބޭނުންތެރި އެއްޗެއްކަން އެނގިގެން ދެއެވެ.