މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓްގެ ބައިވެރިވުމުގެ ވަގުތު ހަމަވިއިރު، ޖުމްލަ 12 ޓީމަކުން ރެޖިސްޓްރީވެއްޖެއެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” އިންތިޒާމް ކުރާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިޔުނިޓީ އެމްޕަވަރމެންޓް (ފޭސް) ޖަމްއިއްޔާއިން މައުލޫމާތު ދޭގޮތުގައި، މިހާތަނަށް ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވަނީ ފިރިހެން 6 ޓީމަކާއި، އަންހެން 6 ޓީމެއް ކަމަށެވެ.
އެގޮތުން، ގދ.ފަރެސްމާތޮޑާ، ގދ.ގައްދޫ، ގދ.ފިޔޯރީ، ގދ.މަޑަވެލި، ގދ.ރަތަފަންދޫ އިން އަންހެން އަދި ފިރިހެން ޓީމެއް ވަނީ ބައިވެރިވެފައެވެ. ގދ.ނަޑެއްލާ އިން ހަމަ ފިރިހެން ޓީމެއް ބައިވެފައިވާއިރު، ގދ.ހޯނޑެއްދޫއިން ވަނީ އަންހެން ޓީމެއް ބައިވެރިވެފައެވެ.
ގދ.ފިޔޯރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ، ރަށު ކައުންސިލް ތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަން އަށް ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް 10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވިގެން ދާއިރު އަތޮޅުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާވެސް ހޮވިގެން ދާނެއެވެ.
މުބާރާތް އިންތިޒާމް ކުރާ ފޭސް ޖަމިއްޔާއިން މައުލޫމާތު ދެއްވާގޮތުގައި ރަށުން ބޭރުން މެޗު ކުޅުމަށް ފިޔޯރީ އަށް ދާ ޓީމު ތަކަށް އެދުވަހުގެ ހުރުމުގެ އިތުރުން ޓީމްތަކަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ޓީމް ތަކުގެ އޮފިޝަލުންގެ ޖާޒީ ފޭސް ޖަމިއްޔާއިން ހިލޭ ފޯރު ކޮށްދޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. މީގެ އިތުރުން ކުޑަ އަގެއްގައި ބޭނުން ޑިޒައިން އަކަށް ޓީމް ޖާރޒީ ތައްޔާރު ކުރުމުގެ އިތުރުން ޕްރިއޯޑަރަށް ސަޕޯޓަރުންގެ ޖާޒީ ފޯރުކޮށްދޭނެ ކަމަށްވެސް ފޭސް ޖަމިއްޔާއިން ބުނެއެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް” ގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ.