މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ”ފިޝަރީޒް އެކްސްޕޯ“ ކ.ގާފަރުގައި މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މިއެކްސްޕޯ ބޭއްވުނީ ގާފަރު ބަދަރު ސަރަހައްދުގައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ވިދާޅުވި ގޮތުގައި މިއެކްސްޕޯ ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓްސް އެއްތަނަކުން ދައްކާލައި އެތަކެތި އާންމުންނަށް ތަޢާރަފްކޮށްދީ އެމަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ.
އެގޮތުން ބަލާލާއިރު މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި، މަސްވެރިކަމާ ގުޅޭ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ބާޒާރުކުރާ ފަރާތްތަކުގެ ޕްރޮޑަކްޓްސްތައް ދައްކާލައި އެތަކެއްޗާއި ގުޅޭ މަޢުލޫމާތު މަސްވެރިންނަށާއި އާންމުފަރާތަކަށް ދޭނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން މި އެކްސްޕޯގައި މަސްވެރިކަމާއި ގުޅުން ހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ވެސް އެކްސްޕޯގެ ބައިވެރިންނަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.