އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން، މަޤާމުގެ މަސްއޫލިއްޔަތުން ވަކިކުރުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން، އޭސީސީގެ މެމްބަރުން ވަކިކުރުމަށް ވަނީ ނިންމާފައެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމަށް ނިމިގެން ދިޔައީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި 7 މެމްބަރުންގެ ވޯޓުންނެވެ. އަދި މެމްބަރުން ވަކިކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ފަރާތަކުންނެވެ. ވަކިކުރަން ނުފެންނަކަމަށް ވޯޓްދެއްވީ ހަމައެކަނި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީގެކުރިންވެސް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތާއި ގުޅޭ އޮޑިޓެއް ވަނީ ހައްދަވާފައެވެ. އަދި މިއޮޑިޓަށްފަހު، ނަތީއްޖާ ނުނެރެވޭ މެމްބަރުން މަޤާމުން ދުރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު މަސައްކަތް ކުރައްވަމުން އަންނަނީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވަނީ ފާއިތުވީ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އޭސީސީގެ މަސައްކަތާމެދު، ގިނަ ބަޔަކު ސުވާލު އުފައްދާއިރު، އޭސީސީއަށް ހުށަހެޅޭ ގިނަ މައްސަލަތައް ނުނިމި ލަސްވަމުން ދާތީ އެ ކޮމިޝަނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއެވެ.