ދިވެހި މަސްވެރިން ކިރުވާ ކަނޑުމަސް ކިލޯއަކަށް ދެމުން އައި 20 ރުފިޔާ އިޔާދަ ކޮށްދެއްވުމަށާއި، ނުވަތަ އެއަށްވުރެ މަތީ އަގެއް ކަނޑުމަސް ކިލޯ އަކަށް ކަނޑައަޅާ ދިވެހި މަސްވެރިންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ދައުލަތުގެ ކަމާއިބެހޭފަރާތްތަކަށް ގޮވާލާ، ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.
ނިލަންދޫ ކައުންސިލުން މިއަދު ފާސްކުރި އެޤަރާރުގައި ބުނެފައިވަނީ މަސްވެރިންނަކީ ވެހޭހާ ވާރޭގައި އާއި ދޭހާ އަވީގައިޔާއި، ގަދަވަޔާއި، ބިޔަ ރާޅުތަކުގެ ތެރެއިން ބުރަކޮށް ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ގައުމުގެ ބިންގާ ކަމަށެވެ. އެހެން ކަމުން، މަސްވެރިން ބާނާ މަހުގެ ކޮންމެ ޓަނަކުން އުނި ކޮށްފައިވާ 4000 ރުފިޔާ ވަގުތުން ވަގުތަށް އިޔާދަކޮށްދީ، ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި މަސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކާއި، ގެއްލެމުންދާ ފުރުސަތުތައް ހައްލުކޮށްދެއްވުމަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން ނިލަންދޫ ކައުންސިލުން ނެރުނު ގަރާރުގައި އިތުރަށް ބުނެފައިވަނީ ދިވެހި މަސްކަނޑުތަކުން ބޭރު ގައުމުތަކުން ވަދެ ނަގަމުންދާ މަސްނެގުން ހުއްޓުވުމަށްވެސް ގޮވާލާ ކަމަށެވެ.
ނިލަންދޫ ކައުންސިލުން މި ގަރާރު ފާސްކޮށްފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ. އެގޮތުން ގަރާރު ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި 4 މެމްބަރުންގެ ތެރެއިން 3 މެމްބަރެއްގެ ވޯޓުންނެވެ.