އަޅުގަނޑުމެންގެ ތެރެއިން ގިނަ ފަރާތްތަކަކީ، ދިރިއުޅުމުގައި ބިޒީ ލައިފެއް އުޅެމުން އަންނަ ފަރާތްތަކެކެވެ. ދިރިއުޅުމުގެ ވަކި ހިސާބަކުން އާއިލާއެއް ފެއްޓި ކުދިން ލިބި ކުދިންގެ ތަރުބިއްޔަތު ކުރުމުގައި ނުވަތަ ކުދިންގެ ޚިދުމަތުގައި ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ގިނަވަގުތު ހޭދަންކުރަންޖެހެއެވެ.
ދިރިއުޅުމުގެ ބިޒީކަމުގައި ގޮސް ވަކި ހިސާބަކުން، ފިރިމީހާއަށް އަނބިމީހާ އާއި އަނގައިން ބުނެލާނެ ވަގުތެއް ނުލިބި އަދި އަނބިމީހާއަށް ފިރިމީހާއަށް އަޅާލާނެ ވަގުތެއް ނުވެއެވެ. އާމްދަނީ ހޯދުމަށް ވަޒީފާގައި ނުވަތަ ދަރިންގެ ކަންކަމުގައި ދެމީހުންވެސް ގިނަވަގުތު ހޭދަކުރަންޖެހި، އެކަކު އަނކެކަށް ވަގުތުކޮޅެއް ހުސްކޮށް ނުލެވޭކަމީ، މަދުން ނަމަވެސް މިމުޖުތަމަޢުން ފެންނަ މަންޒަރެކެވެ. އަދި އަހަރުތަކެއް އެކުގައި އުޅުމަށްފަހު، ދެމަފިރިން އެކަކު އަނެކަކުދެކެ ވީ ލޯބި ގެއްލި، މުޅި ދިރިއުޅުން ވިއްސި ވިހާލިވެ، ދެމަފިރިން ވަކިވާން ޖެހޭ މަންޒަރު މިމުޖުތަމަޢު އިން ފެންނަމުން އަންނަ މިންވަރު އިތުރުވެފައި ވާކަމީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ.
ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލާއެކު، ދެމަފިރިން ވަޒީފާ އަދާކޮށްގެން ނޫނީ ގިނަފަހަރު، ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސާލެވެން ނޯވެއެވެ. ކިތަންމެ ބުރަކޮށް މަސައްކަތް ކުރަންޖެހިފައި ވީނަމަވެސް، ވަގުތުކޮޅެއް ހުސްކޮށްލައިގެން ބައިވެރިޔާއާއި އެކު ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ. މިގޮތުން
ދެމަފިރިންގެ ލޯބީގެ ގުޅުން ހަރުދަނާކޮށް ދެމެހައްޓުމަށް ކުރެވިދާނެ ބައެއް އާދައިގެ ކަންކަން މިލިޔުމުގައި ހިމަނާލަމެވެ.
ގިނަގިނައިން ލޯބިވާ ވާހަކަ ދުލުން ބުނެލުން
ގިނަ ގިނައިން ލޯބިވާ ވާހަކަ އެކަކު އަނެކެއްގެ ކައިރީގައި ބުނުމަކީވެސް ލޯބި އިތުރުވެގެންދާ ސަބަބެކެވެ.
އަނބިމީހާ ނުވަތަ ފިރިމީހާ ގަޔާވާ ކުދި ސަޕްރައިޒް ހަދިޔާ ދިނުން
މަސައްކަތުން އެނބުރި ގެއަށް އަންނައިރު، އަނބިމީހާ ނުވަތަ ފިރިމީހާ ގަޔާވާ ކޮންމެވެސް ބާވަތެއްގެ އަގުހެޔޮ ހަދިޔާއެއް ގެނައުމަކީވެސް، އެކަކު އަނެކަކުގެ ގުޅުން ހަރުދަނާކޮށް، މުހިންމު ކަމުގެ އިޙްސާސް ގެނުވާ ކަމެކެވެ.
އެކީގައި ރެސްޓޯރަންޓަކަށް ގޮސްލުން ނުވަތަ ބޭރަށް ދުއްވާލަން ދިޔުން
ބިޒީ ދިރިއުޅުމުން ވަގުތުކޮޅެއް ހޯދައިގެން ދެމަފިރިން އެކުގައި ރޭގަނޑުގެ ކެޔުމަކަށް ނުވަތަ ދުއްވާލަން ދިޔުމަކީ، ހާސްކަން ފިލައި، ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވެގެންދާ ސަބަބެކެވެ. މިފަދަ ވަގުތު ތަކުގައި ސީރިއަސް މައްސަލަތަކާއި، ދެބަސްވުމުގެ ބަދަލުގައި، އެކަކު އަނެކަކަށް މަޖާކޮށް ހީ ސަމާސާ ކޮށް ހިންހަމަޖެހޭ އުފާވެރި ވަގުތު ކޮޅަކަށް މިފަދަ ވަގުތު ހެދުން މުހިންމެވެ.
ދިރިއުޅުމުގައި ދިމާވާ ކަންކަން އެކަކު އަނެކަކާއި ހިއްސާކުރުން
ދިރިއުޅުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކައި، ތަފާތު ކަންކަން ހިއްސާކުރެވޭ ފަރާތަކަށް ބައިވެރިޔާ ވުން މުހިންމެވެ. އަދި އެކަކު އަނެކެއްގެ އިޙްސާސްތަކަށް އިހްތިރާމް ކުރުމާއެކު، ދައްކާ ވާހަކަތަކަށް ހަޖޫ ޖެހުމުގެ ބަދަލުގައި އަޑު އަހައި، ރަނގަޅު ލަފާ އަދި އިރުޝާދު ދިނުން މުހިންމެވެ. އަދި މިފަދަ ވަގުތުތަކުގައި، އަނބިމީހާ ފުރިހަމަޔަށް ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމާއެކު، ފިރިމީހާއަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރާކަން އޭނާ އަށް އިޙްސާސްކޮށްދިނުން މުހިންމެވެ. ދެރަޙްމަތްތެރިންނެކޭ އެއްފަދައިން ކޮންމެ ވާހަކައެއްވެސް ދައްކަން ކެރޭ ޖެހިލުން ނުވާ މީހެއްގެ ގޮތުގައި ބައިވެރިޔާ ބެހެއްޓުމަކީ މުހިންމުކަމެކެވެ.
ލޯބީގެ ފުރިހަމަ އިޙްސާސް އެކަކު އަނެކަކަށް ގެނުވައިދެވޭތޯ ވީވަރަކުން މަސައްކަތް ކުރުމަކީ، ހަރުދަނާ ލޯބީގެ ގުޅުމެއްގެ މައިގަނޑު އަމާޒު ކަމުގައި ދެކުން މުހިންމެވެ. އަބަދުގައިވެސް، އެކުގައި ވާކަމުގެ އިޙްސާސް އެކަކު އަނެކަކަށް ކޮށްދީ، އެކަކު އަނކެކަށް އަޅާލުމުގެ ރީތި ސިފަ ދަމަހައްޓާށެވެ.
ބުރަކޮށް މަސައްކަތްކުރަން ޖެހުމަކީ، ދިރިއުޅުމުން ލޯބި ނެތިގެން ދާންޖެހޭ ސަބަބެއް ނޫނެވެ. އަދި ހަމަ އެހެންމެ ދަރިން ލިބި ދަރިންގެ ކަންކަމުގައި މަޝްޢޫލްވެ އުޅެންޖެހުމަކީވެސް، ބައިވެރިޔާ މަތިން ހަނދާން ނައްތާލަން ޖެހޭ ސަބަބެއް ނޫނެވެ.
ދެހިތެއްގެ ގުޅުމުން ރަމްޒު ކޮށްދެނީ ލޯތްބެވެ. ކައިވެންޏަށްފަހު ދެފުރާނަ އެކުވެއެވެ. ދިރިއުޅުމުގެ މަޤްސަދު ހާސިލްކުރަން ލޯބި ބާރުއަޅައެވެ. މާތަށް ފޮޅި މޭވާ އަޅަނީ ޤުރްބާންތަކަކަށް ފަހުއެވެ. މޭވާގެ މީރުކަން އަބަދުމެ ލިބުމަށް އެދޭށެވެ. ދެފުރާނަ އެކުއެކީގައި ގެންދިޔުމީ ހިތުގެ ދުޢާކަމުގައި ހަދާށެވެ.