މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތަކެއް ހިންގަމުންދާއިރު، ގދ.ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުން ތަފާތު ގޮތަކަށް އެރަށުގެ މަސްވެރިންގެ އަގުވަޒަން ކޮށްފިއެވެ.
ހުވަދޫ ސްކޫލުން ވަނީ އެރަށުގެ ހުރިހާ މަސްވެރިންނަށް މިއަދު ވަރަށް ޚާއްސަ ފަރިވަޅެއް ދީފައެވެ. އެގޮތުން އެރަށުގައި މަސްވެރިކަން ކުރާ ކޮންމެ ދޮންޏަކަށް އެއް ފަރިވަޅު ވަނީ ދީފައެވެ.
ހުވަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ.ޝައިސްތާ ޢަލީ ހުވަދޫ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހުވަދޫ ސްކޫލުން އިސްނަގައިގެން މިއަދު ކުރިއަށް ދިޔަ އެ ހަރަކާތަކީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފަރެސްމާތޮޑާ މަސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަރާކާތެއް ކަމަށެވެ.
ޑރ.ޝައިސްތާ އިތުރަށް ވިދާޅުވީ ފަރެސްމާތޮޑާގެ މަސްވެރިންނަކީ ފަރެސްމާތޮޑާ އަށާއި، ޚާއްސަކޮށް ހުވަދޫ ސްކޫލް އަށް އެކިގޮތްގޮތުން އެންމެ ބޮޑެތި އެހީތައް ވެދެއްވާފައިވާ ބައެއްކަމަށެވެ.
ފަރެސްމާތޮޑަގެ މަސްވެރިންނަކީ ވޭތުވެދިޔަ ތަނުގަވެސް، އަދި މިހާރުވެސް ހުއްޓުމެއް ނެތި މި ރަށާއި، ހުވަދޫ ސްކޫލަށް ވަރަށް ގިނަ ގޮތްގޮޮތުން ވަރަށް ބޮޑެތި އެހީތައް ދެމުން ގެންދާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން މުވައްޒަފުންގެ އިސްނެގުމާއި އެކު ކުރިއަށް ދިޔަ ހަރަކާތެއް — ޕްރިންސިޕަލް، ޑރ.ޝައިސްތާ ޢަލީ
މިއަދު ފަރެސްމާތޮޑާގައި ކުރިއަށް ދިޔަ ހަރާކާތުގައި ހުވަދޫ ސްކޫލުގެ ފަރާތުންވަނީ ކޮންމެ މަސްދޯންޏަކަށް ރަމްޒީ ޓޯކަން އެއް އަރުވާފައެވެ. އެގޮތުން އެ ޓޯކަން ގައި ޝުކުރުން ފުރިގެން ވާ ޅެމެއްވަނީ ލިޔެފައެވެ.